ޚަބަރު

އިދިކޮޅު ވޯޓާއެކު ބުރުނީގެ ތަނަވަސް އަޣްލަބިއްޔަތު ރައީސް ޔާމީނަށް ހޯދައިދޭނަން - ރިޔާޒު ރަޝީދު


އިދިކޮޅު މީހުންގެ ވޯޓާއެކު ރިޔާސީ އިންތިޚާބުގައި ބުރުނީ ރައްޔިތުންގެ ތަނަވަސް އަޣުލަބިއްޔަތު ރައީސް ޔާމީނަށް ހޯދައިދެއްވާނެކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ތ.ބުރުނީގައި ސަރުކާރުން ޤާއިމްކުރި ނަރުދަމާ ނިޒާމު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ، ބުރުނީން މީހުން ބާލަފާނެކަމުގެ ބިރުހީވެ، ގިނަ ބަޔަކު ބިރުވެރިކަމެއްގެ ތެރޭގައި ތިއްބާ އެހެން ނުހަދާނެ ކަމުގެ ޔަޤީންކަން ދެއްވީ ރައީސް ޔާމީން ކަމަށެވެ.

"ބުރުނީގައި ނަރުދަމާ ނިޒާމް ޤާއިމުކޮށްފި. އެންމެ މި ޒަމާނުގެ އިންޖީނުގެއެއް ޤާއިމްކޮށްފި. ދުވާލުގެ ގިނަ ވަގުތު ސޯލާއިން މުޅި ރަށަށް ކަރަންޓު ލިބެމުންދާނީ،" ރިޔާޒު ވިދާޅުވިއެވެ.

އަސާސީ ގިނަ ޚިދުމަތްތަކަކާއެކު ބުރުނީގެ ޒުވާނުންނަށް ކުޅިވަރު ކުޅޭނެ އިންތިޒާމުތަކެއް ސަރުކާރުން ޤާއިމުކޮށް ދެއްވާފައިވާކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ، ރައީސް ޔާމީނަކީ އާބާދީއަށް ބެލުމެއް ނެތި ތަރައްޤީ ގެނެސްދެއްވާ ވެރިއެއްކަން ރައްޔިތުންނަށް ކަށަވަރުވެފައިވާ ކަމަށެވެ.

"ރިޔާސީ އިންތިޚާބުގައި އެމްޑީޕީ މެންބަރުންގެ ވޯޓާއެކު މި ރަށުގެ ސުޕަރ މެޖޯރިޓީ ﷲގެ އިރާދަފުޅާއެކު ރައީސް ޔާމީނަށް ހޯދައި ދޭނަން. ރައްޔިތުން އެކަން ކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް،" ރިޔާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓް ދޭން ޖެހޭ ސަބަބުތައް ރިޔާޒު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ހަރުދަނާ ސިޔާސަތުގެ ދަށުން ބޭރުގެ ބަޔަކަށް ބަރޯސާނުވެ އަމިއްލަ އިގްތިޞާދެއްގެ މަތީގައި ރާއްޖެ އޮތްކަން ފާހަގަކުރެއްވިއެވެ. އަދި އެހެން ވެރިއަކު ހުރެއްޖެނަމަ ޤައުމު އޮންނާނެ ޙާލަތު ރިޔާޒު ސިފަކުރެއްވިއެވެ.