ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ލަސްވީ އިދިކޮޅުގެ ސަބަބުން - ރައީސް


ހދ. ކުޅުދުއްފުށީގައި ސަރުކާރުން އަޅާ އެއާޕޯޓުގެ މަސައްކަތް ނުފެށި ދިގުލައިގެން ދިޔައީ އިދިކޮޅު ފަރާތްތަކުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ތ.ބުރުނީގައި ދައުލަތުން ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދިޔަ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް، މިއަދު އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުޅުދުއްފުށީ އެއަރޕޯޓެއް އަޅާނެ ކަމަށާއި އެއަރޕޯޓު އަޅާނީ އެރަށުގައި ޗަސްބިން ހިއްކައިގެން ކަމަށް ސަރުކާރުން ބުނުމުން އިދިކޮޅު ފަރާތްތަކުން އެ މަސައްކަތް އެގޮތަށް ނުކުރުމަށް ބުނެ އަޑު އުފުލަމުން ދިޔަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ފެށުން ލަސްވެގެން ދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީގެ އެއާޕޯޓްގެ މަސައްކަތް ފެށީ ރައްޔިތުންނާއި ކައުންސިލުން އެކަމަށް އާނ ބަސް ބުނުމުން ކަމަށެވެ. އަދި އެއަރޕޯޓަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ކުޅުދުއްފުށީގެ ޗަސްބިން ހިއްކައިގެން ނުވާނެކަމަށާއި އެއިން ލިބޭނެ ގެއްލުންތަކުގެ ވާހަކައާއި. ފެރީ އަކުން އެކަން ދެކޮޅު ޖެއްސޭނެ ވާހަކަ ދެއްކެވީ އިދިކޮޅު ބޭފުޅުން. އެކަމަކު މިއަދު، ކުޅުދުއްފުށީގައި އެއާޕޯޓު އެޅޭނެކަން ޔަޤީންވީމާ ޗަސްބިން ހިއްކާ. އެއާޕޯޓުގެ ޓާމިނަލް އަޅާ ސަރަޙައްދު ސާފުކޮށް. މޮބިލައިޒްކޮށް އެތަނުގެ މަސައްކަތް ފެށީމާ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ވާހަކަ އެމީހުން އެވިދާޅުވީ." ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ދަތުރު ތަކުގައި މުޅިންވެސް ބުނަމުންދަނީ މި ސަރުކާރުން ރަށްރަށުގައި ކޮށްދީފައިވާ ކަންކަން ކޮށްދޭނެ ވާހަކަ ކަމަށެވެ. އެއްވެސް ރަށެއްގައި އައު ކަމެއް ކޮށްދޭނެ ވާހަކަ ނުދައްކާ ކަަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެނާއި ނަރުދަމާ އަޅައިދީފައިވާ ރަށްރަށަށް ގޮސް އެ ރަށްރަށުގައި އެކަން ކޮށްދޭނެ ވާހަކަ ބުނާކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި މިވަނީ ރޭ ހދ. ކުޅުދުއްފުށީގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާޙީމް މުޙައްމަދު ސޯލިޙް ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅާނެ ކަމަށް ވިދާޅުވުމުންނެވެ. އިބްރާޙީމް މުޙައްމަދު ސޯލިހް ރޭ ވަނީ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލު ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލު ކުރުމާއި ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލު ކުރުމަށް މުޑުވައް އިންދައިގެން ބަޔަކު ކުރަން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ވަރަށް އެރަށުގެ އާބާދީ އިތުރުވުމާއެކު، ޠަބީއީ ގޮތުންވެސް ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲޔާމީން ޢަބުދުލްޤައްޔޫމް ވިދާޅުވިއެވެ.

"ނުވަހާސް އެތައް ބައެއް އުޅޭ ރަށެއް ކުޅުދުއްފުއްޓަކީ. ހަމަ 10،000 ހަމަ ވާއިރަށް، މިހާރު ޤާނޫނު އޮތް ގޮތުން، ކުޅުދުއްފުށީ ސިޓީއަކަށް ވާނެ. އޭގައި އެބޭފުޅުން ނުޖެހޭ މުޑުވަށް ކުރައްވައިގެން އިތުރު މީހުން ދުނިޔެއަށް އުފަން ކުރުވައިގެން، ނޫނިއްޔާ 10،000 ހަމަ ކުރާކަށް. އެހެންވީމާ، ޠަބީއީ ގޮތުން ވާނެ ކަންކަން އެހުންނަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އިދިކޮޅު ކޯލިޝަނުން ގެންގުޅޭ "ޖަޒީރާ ރާއްޖެ" ސިޔާސަތަކީ އެއްވެސް ވަރަކަށް ހަމަޖެހޭ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.