ޚަބަރު

ދިވެހި ދަރިންނަކީ ބިރުފަހަނަ އަޅާ ދާ ބަޔަކަށް ވާކަށް ބޭނުމެއް ނޫން - ރައީސް


ދިވެހި ދަރިންނަކީ ބިރުފަހަނަ އަޅާ ދާ ދަރިންތަކަކަށް ވާން ބޭނުން ނުވާ ކަމަށާއި އެ ދަރިން ވާންޖެހޭނީ މާތްﷲ އަށް ބިރުވެތިވާ ދަރިންތަކަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ތ. ބުރުނީ ރައްޔިތުންނާއި މިއަދު ހެނދުނު ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިއަދު ދައްކަމުން ގެންދާ ވާހަކަތަކުގައި ހިމެނޭ ބައެއް ބަސްތަކަކީ ދިވެހިން މިއިން ޒަމާނަކު ދަންނަ ބަސްތަކެއްވެސް ނޫން ކަމަށެވެ. ރައީސް ޔާމީން ވަނީ މިހާރު ފުވައްމުލަކަށް ވަޑައިގެން އުޅުއްވާ އެމަނިކުފާނުގެ ރަނިންގ މޭޓު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުޑަ ކުއްޖަކަށް ވޮށު ފިލާ އަޅައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން އެ ފޮޓޯގެ މާނަ އޮޅުވާލައިގެން ދައުރު ކުރަމުންދާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

"އެހެންވީމަ ތެދެންމެ އެކުއްޖާ ޤުރުޢާން ކިޔަވަން ނުވަތަ އެ ސޫރަތުގެ ބައެއް ދަސްކުރަން އެ ކުއްޖާ އެ އިނީ ބިރުވެތިވެ އެ އިނީ، އެއީ ތެދުވާހަކައެއް. އެކަމަކު އޭނަ ބިރުވެތިވެ އެ އިނީ ﷲއަށް. އެއީ ޞޯލިޙް ކުއްޖެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކުދިން ބޮޑުކުރަން ބޭނުން ވަނީ. އެކުދިން ޒުވާން ކުދިންނަށްވީމަ އެކުދިން ލައްވާ ވިޔާނުދާ ކަންތައްތައް ކުރުވަނީ އެއަށްވުރެ ބޮޑެތި މީހުން. އޭގެތެރޭގައި ސިޔާސީ މަންފާ ހޯދާފައި ތިބި މީހުންވެސް ތިބޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ދިވެހި ދަރިން ބޮޑުވެގެން އަންނައިރު ހުންނަންޖެހޭނީ އިސްލާމީ އުޞޫލުތަކާއި އިސްލާމީ ސަޤާފަތުގެ މަތީގައި ކަމަށެވެ. ރައީސް ޔާމީން ވަނީ ރާއްޖޭގައި ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުއެއް އޮންނާނެ ކަމަށް ބަޔާންކޮށް އިދިކޮޅު މެނިފެސްޓޯގައި އެންމެ ޖުމްލައެއްވެސް ހިމަނާފައިނުވާ ކަމަށް ވިދާޅުވެ އެމަނިކުފާ ދައްކަވާ ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ.
"ކޮބައިތޯ މީގެ ޖަވާބު އެބޭފުޅުން ދެއްވާ ގޮތް. އެބޭފުޅުންނަށް މީގެ ޖަވާބު ދެއްވަން އެނގިވަޑައިގެންނެވި ގޮތަކީ ޤާނޫނު އަސާސީގައި އޮންނާނޭ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީނޭ އެހެންވީމަ ޖެހޭހޭ އިތުރަށް ޖަވާބު ދޭން. ޤާނޫނު އަސާސީގައި ނެތް ކަންތައްތަކުގެ ވާހަކަތޯ އަޅުގަނޑުމެން މި ދައްކަނީ. ޤާނޫނު އަސާސީގައި މިކަން މިހެން އޮށްވައެއް ނޫންތޯ ހަމަ އެބޭފުޅުންގެ ސަރުކާރުގައި އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވާ އިސްލާމިކް މިނިސްޓަރ މަރުޙޫމް މަޖީދަށް ސިޓީއެއް ފޮނުއްވީ. ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް އަޅުކަން ކުރާނެ ތަންތަން ރާއްޖޭގައި ޤާއިމް ކުރެވިދާނެތޯ. އެއީ ޤާނޫނު އަސާސީ ނެތް ދުވަހެއްގައިތޯ އެ ސިޓީ ފޮނުއްވީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޤާނޫނު އަސާސީއަކީ އިދިކޮޅު ފަރާތްތައް ޢަމަލު ކުރަން ބޭނުންވާ އެއްޗަކަށްވާ ނަމަ ޤާނޫނު އަސާސީގެ ބޭރުން ނުވަތަ ޗާޓުން ބޭރުން އިދިކޮޅު ފަރާތްތަކުން ކަންތައް ކުރެއްވީ ކީއްވެގެންތޯ ރައީސް ޔާމީން މިއަދު ސުވާލު ކުރައްވާފައެވެ. ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެ ރަށްތަކަށް ބޭނުންވާ އަސާސީ ކަންކަން ނުކޮށްދޭތީ ކަންބޮޑުވެފައި ތިބެނީ ޤާނޫނު އަސާސީގައި އެ ވާހަކަތައް ނެތުމުންތޯވެސް ރައީސް ޔާމީން ވަނީ ސުވާލު އުފައްދާފައެވެ.
"ސާފު ބޯފެން ލިބެންވާނެ ކަމަށް ޤާނޫނު އަސާސީގައި ނެތީތޯ. ރައްކާތެރިކަމާއި އެކު ގެދޮރުވެރިވުމުގެ ޙައްޤަކީ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤަކީ ކޮންމެ މީހަކަށް އޮންނަ ޙައްޤެއް ކަމަށް ނެތީތޯ ޤާނޫނު އަސާސީގައި. ކޮންމެ ދިވެހި ރައްޔިތަކަށް ސުލްޙަވެރިކަމާއި އަމާންކަމާއި މިނިވަން ކަމާއިއެކީގައި އުޅެވޭނެކަން ޤާނޫނު އަސާސީގައި ނެތީތޯ. ކޮން އިރަކުތޯ އެންމެ ބޮޑެތި ޖަރީމާތައް ހިނގާފައި އޮތީ. ކޮން އިރަކުތޯ އަޅުގަނޑުމެންގެ ނަފްސުތަކަށް އެންމެ ބޮޑެތި ގެއްލުންތައް ދީފައި ހުރީ. ކޮން އިރަކުތޯ ރަހުމް ކުޑަކޮށް މީހުން ކަތިލާ ވައްޓާފައި ހުރީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤާނޫނު އަސާސީގައި "ލައްކަ" ވާހަކަ އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވީ ޤާނޫނު އަސާސީގައި ހުރި މާއްދާތައް އެބަޔަކު ބޭނުން ގޮތަކަށް ތަރުޖަމާ ކުރުމުން ނިކުންނަ މައްސަލަތައް މިއަދު ދިވެހިންނަށް ފެންނަމުންދާ ކަމަށެވެ.