ޚަބަރު

"އައިސީޓީ ދާއިރާއަށް އިންޤިލާބީ ބަދަލެއް، ދުވެލި ހިފަހައްޓަންޖެހޭ"


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އައިސީޓީ ދާއިރާގެ ސިޔާސަތުތައް ތަންފީޒުކޮށް، މިހާރު މިދާއިރާ ކުރިއަށްދާ ދުވެލީގައި ކުރިއެރުމަކީ މުހިންމު ކަމެއްކަމަށް މި ދާއިރާގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "މައި ނޭޝަން - މައި ފިއުޗަރ" ޕެނަލް ޑިސްކަޝަންގައި މި ފަހަރު ބައިވެރިވީ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އައިސީޓީ އާއި އިނޮވޭޓިވް ތިންކިންގއާއި ކްރިއޭޓިވް އިންޑަސްޓްރީގެ ދާއިރާތަކުން މަތީ ތަޢުލީމް ޙާޞިލުކޮށް، މިދާއިރާތަކުގައި ފުޅާދައިރާއެއްގައި މަސައްކަތް ކުރަމުންދާ ބޭފުޅުުންތަކެކެވެ.

އިކޮނޮމިކް ޓްރާންސްޕޮރމޭޝަން - ދަ ޑިޖިޓަލް ފުރޮންޓިއަރ މި މައުޟޫއަށް ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޗީފް ކޮމާރޝަލް އޮފިސަރ އިބްރާހީމް ނަސްރީން ވިދާޅުވީ، ޓެކްނޮލޮޖީގައި ރާއްޖެ މިހާރު ކުރިއަށްމިދަނީ ތަރައްޤީވަމުން އަންނަ ޤައުމުތަކުން ކުރިއަރަމުން އަންނަ ދުވެއްޔަށްވުރެ ހަލުވި ދުވެއްޔެއްގައިކަމަށެވެ. އަދި ރާއްޖެ މިހާރު ކުރިއަރަމުން މިދާ ދުވެލީގެ ސަބަބުން ކުރިއޭޓިވް އިންޑަސްޓްރީގައި ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާކަން ފަހަގަކުރައްވާ، އޭނާ ވިދާޅުވީ، މި ދުވެލީގައި ކުރިއަށްދިއުމަކީ މުހިންމު ކަމެއްކަމަށެވެ.

"ޓެކްނޮލޮޖީއަކީ އަސްލު އަބަދުވެސް އަޅުގަނޑުމެން މިއަދު އަޅުގަނޑުމެން އޭތި އެޑޮޕްޓް ނުކޮށްފިއްޔާ މާދަމައަށް އޭތި ގެއްލޭނެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ޕެނަލިސްޓުންވެސް އެގްރީވާނެ ކަންނޭނގެ. އެޕޭސްގަ އަޅުގަނޑުމެން މި ދަތުރުކުރަނީ. އަޅުގަނޑަށް ހީވަނީ މިދާ ޑައިރެކްޝަން ވަރަށް ހަމަ އިންޕޯޓެންޓް ކަންނޭނގެ މި މޯމެންޓަމްގައި މި ފޭސްގަ މެއިންޓެއިންކުރަން، ނުކޮށްފިއްޔާ އަނެއްކާވެސް އަޅުގަނޑުމެން ފަހަތަށް ކަންނޭނގެ ދާނީ" އިބްރާހިމް ނަސްރީން ވިދާޅުވިއެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާ ޑިޖިޓަލައިޒްކޮށް، ސްކޫލްތަކުގައި ކިޔަވައިދިނުމަށްޓަކައި ޓެބްލެޓް ތަޢާރަފްކޮށްފައިވާތީ މި ޕްރޮގުރާމްގައި ބައިވެރިވި ޕެނަލިސްޓުން ވަނީ އެކަމަކީ ތަޢުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނުވާނެ، އަދި މިހާރު ތަޢުލީމު ދޭ ގޮތް މުޅިން ބަދަލުކޮށްލާނެ ކަމެއްގޮތުގައި ސިފަކުރައްވާފައެވެ. ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އައިލެންޑަރސް ގްރޫޕް އޮފް ކޮންޕެނީސްގެ އެގްޒެކެޓިވް ޑައިރެކްޓަރ އިދާމް ރަޝީދު ވިދާޅުވީ، ޓެބްލެޓްގެ ޒަރިއްޔާއިން ކިޔަވާދޭން ފެށުމުން ދަރިވަރުން ކުރިއަރައި އެކުދިންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެކަމަށެވެ.

"ކުރީގަ ކޮންމެ ރަށެއްގައި އެބަ ހުންނަންޖެހޭ އާރތުގެ މޮޑެލްއެއް ދެއްތޯ. އިންސާނެއްގެ ހިތެއްގެ މޮޑެލްއެއް އެބަ އިންނަންޖެހޭ. އެކަމަކު މިހާރު ޓެބްލެޓް ބޭނުންކުރާ ހިސާބުން އަޅުގަނޑުމެންނަށް އޭތި އޮގްމެންޓެޑް ރިއަލިޓީ ތުރޫކޮށް އޭތި ދެއްކޭ ކަމުގައި ވަންޏާ ކޮންމެ ރަށަކަށް ހަރަދުކުރަންޖެހޭ މޮޑެލް ގަތުމާއި، ސައިންސް ލެބޯރޭޓަރީ ހެދުމާއި މިކަންކަން ކުރުމަށް ހަރަދުކުރަންޖެހޭ އެއްޗަކީ ވަރަށް ބޮޑު އެއްޗެއް. މިކަހަލަ ގޮތަކަށް ކިޔަވައިދޭކަމުގައިވަންޏާ ވަރަށް ބޮޑުތަނުން ދަރިވަރުންވެސް ކުރިއަރާނެ. އަނެއްކާ ދަރިވަރުން މިއަށް ޝައުގުވެރިވާލެއްވެސް މާބޮޑަށްވެސް އިތުރުވާނެ." އިދާމް ރަޝީދު ވިދާޅުވިއެވެ.

ޕެނަލްގައި ބައިވެރިވި ހުރިހާ ބޭފުޅުންވެސްވަނީ، ފާއިތުވި 5 އަހަރު ޑިޖިޓަލް ދާއިރާއަށް އިންޤިލާބީ ބޮޑެތި ބަދަލުތައް އައިސްފައިވާކަން ފާހަގަކޮށް އެކަމަށް ތަޢުރީފުކޮށްފައެވެ. އަދި ރައީސް ޔަމީން ޢިއުލާން ކުރައްވާފައިވާ ސްމާރޓް ސިޓީ ކޮންސެޕްޓްގައި ހިމެނޭ ވަކިވަކި ކަންކަމަކީ މިދާއިރާ އިތުރު ހަރުފަތަކަށް ގެންދަން މުހިއްމު، ވިޝަނަރީ ވިސްނުމެއް ކަމަށް ޕެނަލިސްޓުން ވިދާޅުވިއެވެ. އެގޮތުން، ކޮންމެ ގެއަކަށް ހައި ސްޕީޑް އިންޓަނެޓް ގުޅައިދީ އިންޓަނެޓްގެ އަގުހެޔޮ ކުރުމަކީ މިދާއިރާިން، ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް ޓްރާންސްޕޮރމޭޝަން ދަ ޑިޖިޓަލް ފުރޮންޓިއަރ މި މައުޞޫއަށް ވާހަކަދައްކަމުން ޕްރޯ ޑިޒައިނަރގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަމްހީލް ވިދާޅުވީ، އިންޓަނެޓްގެ އަގުހެޔޮވުމުން މަލްޓިމީޑިއާ ބޭނުންކޮށްގެން ކުރިން ނުކުރެވޭ ގިނަ ކަންކަން ޙާސިލްވެގެންދާނެކަމަށެވެ. އެގޮތުން އެޑިޔުކޭޝަން ޑައިނޭމިކްވެ، ހުރިތާ ހުރެގެން ސްޕެޝަލިސްޓުންނާއި ވާހަކަދެކެވި އެތައް ބައިވަރު ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް ޝަމްހީލް ވިދާޅުވިއެވެ.

"މަލްޓިމީޑިއާ ބޭނުންކޮށްގެން އިހަށް ނުކުރެވޭނެ ވަރަށް ބައިވަރު ކަންތައް ކުރެވޭނެ އިނގޭތޯ. މިހާރު 3 ކަމެއް ބަލައިލަމާތޯ މީގެއިން ލިބިދާނެ. އެޑިޔުކޭޝަން ޑައިނޭމިކް ވެގެންދާނެ ހަމަ ޔަޤީނުންވެސް އިނގޭތޯ. ދެން އެންމެ ބޭނުންވާނީ ކޮންކަމެއްތޯ.؟ ހެލްތު ކެއަރ. ދިވެހިރާއްޖޭގަ އަޅުގަނޑުމެން ކުރި ސަރވޭއެއްގައި 10 އަތޮޅެއްގައި ތިބޭ ރައްޔިތުން 471 ޑޮލާރސް ސުޕެންޓްކުރޭ ސްޕެސިއަލިސްޓަކާއި ހަމައަށް ޑޮކްޓަރަކަށް ދައްކަންދާން. އެކަމަކު ޓެބްލެޓެއް އޮތުމުން ޑޮކްޓަރަކަށް ހަމަ ވީޑިއޯ ކުރަނީ. އެޑިވައިސްތައް ބޭނުންކޮށްގެން ސްޕެސިއަލިސްތަކަށްވެސް ކަނެކްޓް ކުރެވޭނެ. އިންޓަނެޓް ޔޫސޭޖް އިތުރުވާ ވަރަކަށް މިހާރު އަޑުނީވޭނެ އެތައް ބައިވަރު ވަޒީފާގެ ފުރުސަތުވެސް ހުޅުވިގެންދާނެ." މުޙައްމަދު ޝަމްހީލް ވިދާޅުވިއެވެ.

މި ޕްރޮގުރާމްގައި ބައިވެރިވި ޒުވާނުންވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ބައިނަލްއަޤުވާމީ މާކެޓްގައި ދިވެހި ޒުވާނުންނަށް ފަހިވަމުންދާ ފުރުޞަތުތައް ފާހަގަކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ޕްރޮޑަކްޓްތައް މިހާރު ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ބޭނުންކުރުމާއި، ދުނިޔޭގެ ބޮޑެތި އައިޓީ ކުންފުނިތަކާއެކު ދިވެހިންދަނީ މަސައްކަތް ކުރަމުންނެވެ.