ޚަބަރު

މަސްވެރިންގެ ކަންބޮޑުވުންތަަކަށް ރައީސް ޔާމީންގެ މެނިފެސްޓޯއިން ހައްލު ލިބޭނެ- ޑރ.ޝައިނީ


މަސްވެރިނަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް، ރައީސް ޔާމީންގެ 2018ގެ މެނިފެސްޓޯއިން ޙައްލު ލިބޭނެކަމުގެ ޔަޤީންކަން ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ދެއްވައިފިއެވެ.

ޕީއެސްއެމްނިއުސްއިން ގެނެސްދޭ ''ތަރައްޤީ އައު ޒަމާނަކަށް'' މި ޕްރޮގްރާމްގައި ވާހަަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މަސްވެރިނަންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތައްކަމަށްވާ، އައިސް ނުލިބުމުގެ މައްސަލައާއި، މަސް ކިރުވާފައި ފައިސާ ނުލިބޭ މައްސަލައަށް ރައީސް ޔާމީންގެ މެނިފެސްޓޯގައި ހައްލު ހިމަނާފައިވާނެކަމުގެ ޔަޤީންކަން މަސްވެރިންނަށް ދޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މަސްވެރިންގެ ޝަކުވާތައް އަޑުއަހައި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް މި ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން އައިސް ލިބުން ދަތިވުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ދޯނިފަހަރުތަކުގައި އައިސް އުފެއްދޭނެގޮތް ހެދުމަށް މަސައްކަތްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ސަޢޫދީ ޢަރަބިއްޔާއިން ދޭ އެހީއިން، މަސްވެރި ދޯނިފަހަރުތަކުގައި އައިސް ޕްލާންޓް ޤާއިމް ކުރުމަށް މަސް ދޯނިތަކަށް ލުއި ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްކިރުވުމަށްފަހު ފައިސާ ނުލިބޭ މައްސަލަ ހައްލުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށްވެސް ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމަނާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

'' މަސް ކިރުވާފައި ލާރި ނުލިބޭ މައްސަލަ އެކަން ޙައްލުކުުރުމަށްޓަކައި މަސްވެރިިންގެ ކާރޑު ލިބޭ ހިސާބުން ފެށިގެން، މިހާރު މަސްވެރިންނަށް އެދިމާވާ ނިކަމަތިކަން އެއީ މަސްވެރިޔަކުވީމަ ލޯނުވެސް ނުނެގޭ، އެމީހުންގެ އާންމްދަނީ ލިބޭ ކަމުގެ ރެކޯޑެއްވެސް ނޯވޭ، އެހެންނަމަވެސް އެކާޑަށް އޮޑިވެރިޔާއަށް ލާރި ލާ ހިސާބުން ފެށިގެން އޭނަޔަށް ބަރާބަރަށް މަހުން މަހަށް މުސާރަ ޔަޤީންވީ. އެއްކަލަ 10000 ރުފިޔާ ލިބޭ ކަން ޔަޤީންވީއޭ. އޭރުން ލޯނު ނެގޭނެ ފުރުޞަތު އޮންނާނެ'' މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މި ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ސަރުކާރުން މިފްކޯ ބައިބައިކޮށް، ކުންފުނީގެ އެސެޓާއި ދަރަނި އެއް ކުންފުންޏަކަށް ހެދުމަށްފަހު ބޭރުގެ ފަރާތްތަކަށް މިފްކޯ ވިއްކާލަން މަަސައްކަތްކުރެއްވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.