ޚަބަރު

ތަރައްޤީވެފަވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކާ އެއްގޮތަށް ރާއްޖޭގެ އިޤްތިޞާދު ދަނީ ކުރިއަރަމުން- ގަވަރުނަރު


ތަރައްޤީވެފަވާ އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު އަޙްމަދު ނަޞީރު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ 18 ވަނަ ސާކު ޕޭމެންޓްސް ކައުންސިލް ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަޞީރު ވިދާޅުވީ ސާކުގެ މަރުކަޒީ ބޭންކުތަކުގެ އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ސާކުގެ ގައުމުތަކުގައި ޤައުމީ ޕޭމެންޓް ސިސްޓަމްތައް ގާއިމުކުރުމުގައި އީޖާދީ ވިސްނުން ގެންގުޅުމަށް އެހީތެރިވެދޭ ކަމަށެވެ. އެގޮތުން ރާއްޖޭގައިވެސް ޤައުމީ ޕޭމެންޓް ސިސްޓަމެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ސާކުގެ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ފަންނީ އެހީތެރިކަން ލިބެމުންދާކަން ގަވަރުނަރު ވިދާޅުވިއެވެ.

އެމް.އެމް.އޭގެ ގަވަރުނަރު ވިދާޅުވީ ތަރައްޤީވެފައިވާ ޤައުމުތަކާ އެއްގޮތަށް ރާއްޖޭގެ އިޤްތިޞާދުވެސް ވަރަށް ބޮޑަށް ކުރިއަރަމުންދާކަމަށާއި، މިއާއެކު މާލީ މުޢާމަލާތްތައްވެސް ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

"ތަރައްޤީވެފަ އަދި ތަރައްގީވަމުން އަންނަ ގައުމުތަކެކޭ އެއްގޮތަށް ދިވެހި ރާއްޖޭގެ އިގްތިސާދު ދަނީ ވަރަށް ބޮޑަށް ކުރިއަރަމުން. މި ކުރިއެރުންތަކުގެ ސަބަބުން ގައުމުތަކުގެ އެތެރޭގައި އަދި އެކި ގައުމުތަކުގައި މެދުގައި ހިންގާ މުއާމަލާތްތައް ދަނީ އިތުރުވަމުން. މި ސަބަބުތަކާއި ހެދި ޕޭމެންޓް ސިސްޓަމް އަކީ ޒަމާނީ އަދި ހަރުދަނާ ޕޭމެންޓް ސިސްޓަމަކަށް ހެދުމުގެ ފުރުސަތު އެބައޮތް. އަދި އެފަދަ އިންފްރާސްޓްރަކްޗައެއް ގާއިމުވެގެން ދިއުމަކީ މުހިއްމުކަމެއް" ގަވަރަނަރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ ޕޭމެންޓް ސިސްޓަމަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، މީގެ މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާފަދަ އީޖާދީ އަދި ޒަމާނީ ޕޭމެންޓް ސިސްޓަމެއް ގާއިމުކުރުން ކަމަށެވެ.

ސާކު ގައުމުތަކުގެ މެދުގައި ހިންގާ މުއާމަލާތްތަކަކީ ވީހާ ވެސް ފަސޭހަކަމާއިކު ކުރިއަށް ގެންދެވޭނެ މުއާމަލާތްތަކަށް ހެދުމަށް ފާއިތުވި އަހަރުތަކުގައި މަސައްކަތްކޮށްފައިވާ ކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކުގެ ސަބަބުން އާ ފުރުސަތުތައް އުފެދެމުންދާނެ ކަމަށާއި، މިފަދަ އާ ނިޒާމުތަކުގެ ސަބަބުން ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމެންޓް އިތުރުވެ ވިޔަފާރީގެ ވާދަވެރިކަމާއި މާލީ މުޢާމަލާތްތައް ވެސް އިތުރުވާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބަންގްލަދޭޝް، ބުޓާން، ނޭޕާލް، އިންޑިއާ، ޕާކިސްތާން، ސްރީލަންކާ އަދި ރާއްޖޭގެ ފަރާތުން ވަފުދުތައް ބައިވެރިވެއެވެ. ސާކް ޕޭމެންޓް ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ގައުމުތަކުގެ ޕޭމެންޓް ސިސްޓަމްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުމެވެ.