ޚަބަރު

ޓީވީއެމް ޖޫނިއަރގެ ބްރޭންޑިންގ ލޯންޗްކޮށްފި


ޕަބްލިކް ސަރވިސް މީޑިއާއިން އަލަށް އުފައްދާ ކުޑަކުދިންނަށް ޚާއްޞަ ޓީވީ ޗެނަލް ޓީވީއެމް ޖޫނިއަރގެ ބްރޭންޑިން ލޯންޗްކޮށްފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޓީވީއެމް ޖޫނިއަރގެ ބްރޭންޑިން ލޯންޗްކޮށްދެއްވީ ޕީ.އެސް.އެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ. "ޓީވީއެމް ކިޑްސް" އަކީ ކުޑަކުދިން ތަރުބިއްޔަތުކޮށް އަޙްލާޤް އަށަގަންނުވާ، ދިވެހިބަހާއި އާދަކާދަތައް ދަސްކޮށްދިނުމަށް ޚާއްޞަކޮށް ޕީއެސްއެމުން އުފައްދާ ޓީވީ ޗެނަލެކެވެ.

ޓީވީއެމް ޖޫނިއަރއަކީ ދިވެހި ތާރީޚްގައިވެސް ދިވެހި ބަހުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން އުފައްދާ ފުރަތަމަ ޗެނަލެވެ. މިއަދު ބްރޭންޑިން އިފްތިތާޙްކުރި މިޗެނަލް ރަސްމީކޮށް ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުއެވެ. މިޗެނަލުން ކުޑަކުދިންނަށް ޚާއްޞަ ދިވެހި ބަހުގެ ހަމަތަކަށްފެތޭ، ތާރީޚީ، ތަޢުލީމީ އަދި އިޖްތިމާޢީ ގޮތުން ކުދިންގެ އަޙުލާޤު ބިނާކުރުމަށް ބާރުއަޅާ މުހިންމު ޕްރޮގްރާމްތައް ދައްކާނެއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އިކްރާމް ޢަބްދުލްލަތީފު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނާއި، ބޮޑެތިމީހުންގެ މެދުގައި ދިވެހި ބަހާއި ތާރީޚަށް ލޯބި ޖެއްސުމާއި، ރިވެތި އަޙްލާޤްގެ ސިފަތައް އަށަގެންނުވުމަށް މިޗެނަލް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

"މިއަދު ޕީއެސްއެމް ޖޫނިއަރގެ ބްރޭންޑް ލޯންޗްކުރެވިގެންދާއިރު، އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ވިސްނުމަކީ ދިވެހި ބަހާ، ދިވެހި ވަންތަކަމާ، އަޅިގަނޑުމެންގެ ސަޤާފަތާ، ތަރިކައާ، މިކަންކަމުގެ ބިންގާ، މިކަންކަމަށް ލޯބިޖެއްސުން، މިކަންކަމަށް ކުދިން އަހުލުވެރިކުރުވުމަށްޓަކާ މިޗެނަލް ބޮޑު އަހައްމިޔަތުކަމެއްދޭނެ. އެމަސައްކަތް ކުރުމަށްޓަކާ އަޅުގަނޑުމެން މިކަން މިފަށަނީ. ދިވެހި ބަހުން މިފަދަ ޗެނަލެއް އޮތުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިވަންތަކަމާއި، ދިވެހިބަހާ، ދިވެހިންނާ ގުޅުންހުރި އަހުލުވެރިކަންކަން ކުދިންނަށް އަންގައިދިނުން، އުގަންނައިދިނުން" – ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފް ވިދާޅުވިއެވެ.

ޓީވީއެމް ޖޫނިއަރ ހިންގުމަށް ޚާއްޞަ ޑިޕާޓްމަންޓެއް ޕީ.އެސް.އެމްގައި ޤާއިމްކުރައްވާނެކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްކޫލްތަކާއި ކަމާގުޅުންހުރި އެކި އިދާރާތަކާ ގުޅިގެން ޗެނަލްގެ ކޮންޓެންޓް މުއްސަނދިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އިކްރާމް ވިދާޅުވިއެވެ.