ޚަބަރު

ރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުމުގެ ސިޔާސަތެއް އިދިކޮޅު ފަރާތްތަކުން ނުގެންގުޅޭ – ރައީސް


ރިޔާސީ އިންތިޙާބުގައި ވާދަކުރާ އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި، ރާއްޖޭގައި ސައްތައިން ސައްތަ އިސްލާމްދީން އޮންނާނެކަން ކަށަވަރުވާނެ އެއްވެސް ވާހަކައެއް ބަޔާންކޮށްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލު ތިމަރަފުށީގައި ސަރުކާރުން ކުރިއަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރާއްޖެ އޮންނަން ޖެހޭނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައިކަން ޤަބޫލު ކުރަންޖެހޭނީ ވަކި މީހަކު ބުނެގެން ނޫން ކަމަށާއި، ރާއްޖޭގައި ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް އޮންނާނެކަން ދޭހަކޮށްދޭ އެއްމެ ލަފްޒެއްވެސް އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި ހިމަނާފައި ނުވާ ކަމަށެވެ.

"އިދިކޮޅު ކޯލިޝަނުގެ މެނިފެސްޓޯ ބައްލަވާލައްވާ. ދިވެހިރާއްޖޭގައި އޮންނާނީ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްތޯ ލިޔެފައި އޮތް ލަފްޒު އޮތްތޯ ބައްލަވާ. އެވާހަކައެއް އެބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ. މަރުގެ ޙުކުމް ތަންފީޛު ކުރާ ވާހަކައެއް، އެބޭފުޅުންގެ މެނިފެސްޓޯއަކު ނޯންނާނެ." - ރައީސް

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މީހުން މެރުން ޢާއްމުވެގެން ދިޔައީ ޒުވާނުން ނެރެގެން ކުރި ނޭދެވޭ ކަންތައްތަކެއްގެ ސަބަބުން ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.

"
"ކޮންމެ ދެ ރެއިން އެއްރޭ އަލިވާގޭ ދޮށަށް ގޮސް ރައީސް މައުމޫނަށް ގޯނާކުރާނެ. އޭގެ އަނެއް ރޭ އެއީ އަޅުގަނޑުމެންގެ ގޭދޮށަށް އަންނަ ރޭ. މިކަހަލަ ކަންތައްތަކެއް ކުރަމުން ކުރަމުން ގޮސް، ޒުވާނުން ނެރެގެން ބޮޑެތި ކުށްތައް ކުރުވުމަށް މީހުންނަށް ހޭނިފައި މިހިރީ. ރާއްޖޭގެ އެކި ހިސާބުގައި މީހުންނަށް ޖިސްމާނީ އަނިޔާކުރުމާއި، މީހުން މެރުމާ ކަންކަން އުފަން ކޮށްފައި އެހުރީ. މި ދެންނެވި ގޮތަށް މީހުން މަރާފައި އޮންނަ ސަޤާފަތެއް އަޅުގަނޑުމެންގެ ތެރޭގައި އާންމުވީ."
ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި ހިނގި މަރުގެ މައްސަލަތައް ތަޙްޤީޤް ކުރާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އެކަންކަން މިހާރުވެސް ތަހުޤީގު ކުރެވެމުންދާކަމަށެވެ. އެގޮތުން މީގެތެރެއިން ބައެއް މައްސަލަތައް ސުޕްރީމް ކޯޓާ ހަމައިގައި ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، އިދިކޮޅުގެ ވެރިކަމެއްގައި އެފަދަ މައްސަލަތައް ތަހުޤީގު ކުރާ ވާހަކަތައް ދައްކާއިރު، މަރަށް މަރު ހިފުމުގެ ވާހަކަ ނުދައްކާކަމަށާއި، ބޭރުގެ ބައެއް ފަރާތްތަކުން އިދިކޮޅު ފަރާތްތަކާ ރުހެނީ އެފަދަ ސަބަބުތަކާހެދިކަމަށް ޤަބޫލްކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރާނެކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ތ. އަތޮޅުގެ ރަށްތަކުގައި މި ސަރުކާރުން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ ތިމަރަފުއްޓަށެވެ. ތިމަރަފުއްޓަށް ވަޑައިގެން ރައީސް ޔާމީން ވަނީ އެރަށުގެ ފެނުގެ ނިޒާމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.