ޚަބަރު

ތަރިކަ ޙިމާޔަތްކުރުމުގައި މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރޭ - އަޒްރާ


ދިވެހިރާއްޖޭގެ ތަރިކަ މުއްސަނދިކުރުމާއި ރައްކާތެރިކުރުމުގެ ކަންތައްތައް މިސަރުކާރުގެ އިސްނެންގެވުމާއެކު ވަރަށް ފުރިހަމައަށް ކުރެވެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޕަބްލިކް ސާރވިސް މީޑިއާގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން މަރިޔަމް އަޒްރާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމާ މިހެން ވިދާޅުވީ "ތަރިކަ މުއްސަދިކުރުމުގައި އެންމެގެ ހިއްސާ"ގެ ނަމުގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ޤައުމީ ދާރުލްއާސާރުގައި ކުރިޔަށް ގެންދިޔަ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކޮށްފައިވާ ތާނާ ބްރެއިލް ފޮތް ވަނީ ދާރުލް އާސާރަށް ހަދިޔާކޮށްފައެވެ.

ދިވެހިރާއްޖޭގެ ތަރިކަ މުއްސަނދިކޮށް، ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ވަނީ "ތަރިކަ މުއްސަދިކުރުމުގައި އެންމެގެ ހިއްސާ"ގެ ނަމުގައި ޤައުމީ ދާރުލްއާސާރުގައި ޚާއްސަ ޙަފްލާއެއް ބާއްވާފައެވެ.
މިހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޕަބްލިކް ސާރވިސް މީޑިއާގެ ޗެއަރޕާސަން މަރިޔަމް އަޒްރާ އަޙްމަދު ވަނީ ރާއްޖޭގެ ތަރިކަ މުއްސަނދިކޮށް، އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ދެއްވާ އަހައްމިޔަތުކަން ފާހަގަކޮށްފައެވެ.

"ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް، ޙިމާޔަތްކުރުމުގެ މަސައްކަތަކީ މިފަހުގެ ތާރީޙުގައި ވަރަށްއެކަށީގެންވާ ގޮތުގައި ކުރަންފަށާފައިވާ ކަމެއްކަން އަޅުގަނޑު ފާހަގަކުރަން. ރާއްޖޭގައި މިހާރު ހުރި އާސާރީ ތަންތަން ރައްކާތެރިކުރެވެމުން އަންނަނީ ދުރާލާ ރޭވިގެން، އެތަނެއް ހުރި ތަނަކާ، އެރަށަކާ، އެމުޖުތަމައުއެއް އިނގި ބައިލައިގަނެވި، އެރަށެއްގެ ޒުވާނުންނާވެސް އަދި ދަރިވަރުންވެސް އެމަސައްކަތުގައި ބައިވެރިކުރެވިގެން"

އަޒްރާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައިވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މިހާރު ކުރަމުންދާ އެންމެމުހިންމު އެއްމަސައްކަތަކީ އޮކްސްފޯޑް ސެންޓަރ ފޮރ އިސްލާމިކް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ ދިވެހިރާއްޖޭގެ އާސަރީ ތަރިކައިގެ ދަފްތަރު ލިޔެއެކުލަވާލުމުގެ މަސައްކަތްކަން ފާހަގަކޮށްފައެވެ.
މިރަސްމިއްޔާތުގައިވަނީ ރާއްޖޭގެ ސަޤާފަތާއި އާދަކާދައާއި ތަރިކަ ދެމެހެއްޓުމުގެ ގޮތުން އެކި ރޮގުރޮރުން މަސައްކަތްކުރަމުންދާ ފަރާތްތަކަށް ހަދާނީ ލިއުން ދީފައެވެ.
މިރަސްމިއްޔާތުގައި އަލްޤާރީ އަހުމަދު ރަޝީދު ޢަބްދުލްޤާދިރުގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ މިހާތަނަށް ނެރިފައިވާ ފުރަތަމަ ތާނަ ބްރެއިލް ފޮތް ދާރުލް އާސާރަށްވަނީ ހަދިޔާކޮށްފައެވެ.

ތާނަ ބްރެއިލްފޮތަކީ 2016ވަނަ އަހަރު ތަޢާރަފްކުރި ފޮތެކެވެ. ނަމަވެސް މިފޮތް ބްރެއިލް އެންބޮސްކޮށްފައި ނެރެވުނީ މިއަހަރުގެ ޖޫންމަހުއެވެ. އެމް.އެން.ޔޫގެ އާރކިޓެކްޗަރ ކިޔަވަމުންދާ ދަރިވަރުން ތައްޔާރުކޮށްފައިވާ ހއ.އުތީމުގެ ތާރީހީ ތަންތަނާ ބިނާތަކުގެ ތަފްސީލް ހިމެނޭ ފޮތެއްވެސް ވަނީ ދާރުލްއާސާރަށް ހަދިޔާކޮށްފައެވެ. މިފޮތް ތައްޔާރުކޮށްފައިވަނީ އުތީމަށް ޒިޔާރަތްކޮށް، ދަރިވަރުން ތައްޔާރުކުރި ރިސާރޗްތަކުގެ މައްޗަށް ބިނާކޮށެވެ.