ސިފައިންނާއި ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ފްލެޓްތަކުގެ މަސައްކަތް، ވެރިކަމާއި ހަވާލުވާތާ އެއް އަހަރުދުވަހުގެތެރޭގައި ނިންމަވާނެކަމަށް އިދިކޮޅު ކެނޑިޑޭޓް ވިދާޅުވިވިދާޅުމަށް އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ރައްދުދެއްވައިފިއެވެ.
މިނިސްޓަރ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުގައި ތާޢީދު ހޯއްދެވުމަށް ސިފައިންނާއި ފުލުހުންނަށް މިސަރުކާރުން ޢިމާރާތްކޮށްދޭ ހައުސިންގް ޔުނިޓްތަކުގެ ވާހަކަ ދެއްކުމަށްވުރެ، ފެބްރުއަރީ 8 ވަނަ ދުވަހު އެމްޑީޕީން ފަނާކުރި ދައުލަތުގެ މުދަލަށް ބަދަލުދޭނެ ގޮތުގެ ވާހަކަ ދެއްކުން މާބުއްދިވެރިވާނެ ކަމަށެވެ.
މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވެފައި މިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 08 ވަނަ ދުވަހު އެމްޑީޕީ އިއްސަފުގައި އޮވެ އެޕާޓީއަށް ތާޢީދުކުރާ ފަރާތްތަކާއެކު ނުކުމެ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި، ފުލުހުންގެ ޢިމާރާތްތަކާއި ޝަރުޢީކޯޓުތަކާއި ކައުންސިލް އިދާރާތަކުގައި ހުޅުޖަހައި ދަޢުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއްދީ އަންދާލި ޙާދިސާއަށް އިޝާރާތް ކުރައްވާފައެވެ.
އެމްޑީޕީ އިސްވެއޮވެ 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގައި ހުޅުޖަހައި އަންދާލުމުގެ ސަބަބުން، ޝަރުޢީ ކޯޓުތަކަށް ލިބުނު ގެއްލުމުގެ އަގު 46 މިލިއަން ރުފިޔާ އަށް އަރައެވެ. އަދި ފުލުހުންގެ ޢިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 112 މިލިއަން ރުފިޔާއަށް އަރައެވެ.
ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށްޓަކާ މިސަރުކާރުން ވަނީ 200 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއްކޮށްފައެވެ. އެގޮތުން 14 ބުރީގެ 6 ޢިމާރާތުގެ މަސައްކަތް ފަށައި، އޭގެ ތެރެއިން 4 ޢިމާރާތެއްގެ މަސައްކަތް މި އަހަރުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ.