ޚަބަރު

"ރައީސް ޔާމީން 2ވަނަ ދައުރަކަށް ހޮވިއްޖެނަމަ ފިކުރީ ހަނގުރާމައިގެ ވަކިތައް ބަލިކަށިވާނެ"


ރައީސް ޔާމީން ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވައިފިނަމަ އިސްލާމްދީނާ ދެކޮޅަށްކުރާ ފިކުރީ ހަނގުރާމައިގެ ވަކިތައް ބަލިކަށިވެގެންދާނެކަމަށް ރައީސް ޔާމީންގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގެ ދޫޑިގަން އަވަށުގެ އިސް ރައްވެހިންނަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ރަނިންގމޭޓް، އަދި ރާއްޖޭގެ ފުންނާބުއުސް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ ރާއީސް ޔާމީނަކީ ދިވެހިރާއްޖޭގެ ރައީސުންގެ ތެރެއިން އިސްލާމްދީނާ ދެކޮޅު ފިކުރުތަކަށް ރާއްޖޭގައި ޖާގަ ނުދެއްވާނެކަން ސާބިތުކޮށްދެއްވި ހަމައެކަނި ރައީސް ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަށް މިއިންތިޚާބު ކާމިޔާބު ކޮއްދެއްވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަކީ، ހަމަ އެކަނި ޝަޚްޞިއްޔަތު ދިވެހި ރާއްޖޭގެ ރައީސުންގެ ތެރެއިން، ލާދީނީ ނުވަތަ އަޅުގަނޑުމެން މި ޤަބޫލު ކުރާ އިސްލާމް ދީނާ ދެކޮޅު ވިސްނުމުގެ އަހުލުވެރިންނަށް ޖާގަ ނުދެއްވާނެ، އެމީހުން ކަންފަތުގައި ހިފަން ކެރޭނެ ހަމަ އެކަނި ވެރިއަކީ ރައީސް ޔާމީން. އެހެންވީމަ އަޅުގަނޑުމެން މި އިންތިހާބުގައި ރައީސް ޔާމީން އަށް ކަމިޔާބު ހޯއްދަވާ ދެއްވުމަސް މަސައްކަތް ކުރަންވީ. އެމަނިކުފާނު މި އިންތިހާބުގައި ކާމިޔާބު ހޯއްދަވައިފި ނަމަ އިސްލާމް ދީނަށް ކުރިމަތިވެފާ ތިބި ގޮންޖެހުން ތަކުން މި ގައުމު ސަލާމަތް ކުރުމަށް ލިބިގެންދާ ވަރަށް މަތިވެރި ފުރުސަތެއް މިއީ" - ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރު ރައީސް ޔާމިން ހޮއްވަވައިފި ނަމަ އިސްލާމް ދީނާ ދެކޮޅުވެރި ފިކުރީ ހަނގުރާމައިގެ ނުބައި ވަކިތަށް ބަލި ކަށިވެގެންދާނެ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ އިދިކޮޅު ފަރާތްތަކުގެ ދީނީ ސިޔާސަތަށް ވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން އިދިކޮޅު ކެނޑިޑޭޓް ދުވަހަކުވެސް އެއްވެސް ރައީސް އެއް ނުދައްކާފަދަ ދީނީ ސިޔާސަތެއް ހާމަ ކުރާނެ ކަމަށް ބުނެފައިވާއިރު، ރާއްޖޭގައި ދީނީ ދާއިރާއިން އަލަށް ހާމަކުރެވޭނެ ސިޔާސަތެއް ނެތްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިއްޔެގަ އަޑު އެހިން އިދިކޮޅު ފަރާތްތަކުން ބުނި، ތިމަންނަމެން މީގެކުރީން އެއްވެސް ރައީސަކު ނުދައްކާފަދަ ދީނީ ސިޔާސަތެއް ދައްކާނެކަމަށް. އަލަށް ހާމަކުރަންޖެހޭ އެއްޗެއް ނެތް. ހުރިހާ ކަމެއް މިހާރު މިދަނީ ކުރެވެމުން. އިތުރަށް އެމީހުންނަށް ކަމެއް ނުކުރެވޭނެ. އަދި ކުރެއްވުމުގެ ފުރުސަތު ނުވެސް ލިބޭނެ. އެ ފުރުސަތު ލިބުމުން އެމީހުންނަސް އެ ފުރުސަތު މާތް ﷲ ދެއްވީމަ އެފުރުސަތު ނަހަމަ ގޮތުގައި އެމީހުން (އިދިކޮޅު ފަރާތްތަކުން) ހިފީ." - ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ޑރ. ޝަހީމް ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަނީ ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ޑޯ ޓު ޑޯ ޙަރަކާތްތައް ހިންގަވަމުންނެވެ.