ޚަބަރު

ރާއްޖޭގެ ވާރޗުއަލް ރިއާލިޓީ މެޕެއް ހަދަނީ!


ފަތުރުވެރިކަމުގެ ދާއިރާއަށް ޙާއްޞަ، ރާއްޖޭގެ ވާރޗުއަލް ރިއާލިޓީ މެޕެއް ހެދުމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއިން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ 360 ވާރޗުއަލް ރިއާލިޓީ މެޕް ތައްޔާރުކުރަން ބޭނުންވާ ފަރާތްތަކަށް މިކަމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ. އެމް.އެމް.ޕީ.އާރު.ސީން ބުނީ މި ވާރޗުއަލް މެޕަކީ ރާއްޖޭގައި ހުންނަ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ރިސޯޓު، ހޮޓާ، ރެސްޓޯރެންޓު ފަދަ ތަންތަނުގެ އިތުރުން ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ތަންތަން ހިމެނޭހެން ތައްޔާރުކުރާ މެޕެއްކަމަށެވެ. އަދި މިމެޕް ތައްޔާރުވުމުން ވާރޗުއަލް ރިއާލިޓީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ތަނެއްވެސް ބަލާލެވޭނެކަމަށެވެ.

ވާރޗުއަލް ރިއާލިޓީ ނުވަތަ ވީ.އާރ ޓެކްނޮލޮޖީއަކީ މީހަކު މާއްދީގޮތުން ތަނެއްގައި ހުރުމުގެ އިހުސާސް ކުރެވޭގޮތަށް ތަރައްޤީކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީއެކެވެ.

ރާއްޖޭގެ ވީ.އާރ މެޕް ތައްޔާރުކުރަން ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 26 ގެ ކުރިން މިކަމަށް ޝައުޤުވެރިކަން ފާޅުކޮށް، ބިޑް ޕްރޮޕޯޒަލް އެމް.އެމް.ޕީ.އާރު.ސީއަށް ހުށަހެޅުމަށްވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ، އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ސަރުކަރުގެ ކަމާބެހޭ އިދާރާތަކާ، އަމިއްލަ ކުންފުނިތަކާ ގުޅިގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.