ޚަބަރު

ތަފާތު ފިކުރުތައް ހިމެނޭ ފަލްސަފާތަކާއެކު ދައުލަތެއް ނުހިންގޭނެ - ޑރ. ޝަހީމް


ތަފާތު ފިކުރުތަށް ހިމެނޭ، ތަފާތު ފަލްސަފާތައް އެކުވެގެން ދައުލަތެއް ނުހިންގޭނެ ކަމަށް، ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގްމޭޓް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ފުވައްމުލަކު ދަނޑިމަގު އަވަށު ޒުވާނުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ކޯލިޝަން ސަރުކާރެއް ހިންގޭނީ އެއްފިކުރެއްގެ އެއްފަލްސަފާއެއް ގެންގުޅޭ ބަޔަކަށް ކަމަށެވެ.

"
"އެއްފިކުރެއްގެ މައްޗައް އެކުލެވޭ އިޤްތިޞާދީ އަދި އިޖްތިމާއީ އެއް ފަލްސަފާއެއް ނުވަތަ ފަރިތަ ފަލްސަފާތައް އެއްކޮށް މަސައްކަތް ކުރެވިދާނެ. އެހެން ނަމަވެސް ތަފާތު ފިކުރުތަށް ހިމެނޭ ފަލްސަފާތަށް އެކުގަ ދައުލަތެއް ނުހިންގޭނެ. އެއީ ވަރަށް ނާދިރު ކަމަކަށް ވާނެ. އެހެންވީމަ އަޅުގަނޑުމެން ބަލަންޖެހޭ އަޅުގަނޑުމެންގެ ޤައުމު އެފަދަ އަނދަވަޅަކަށް ވެއްޓުނަ ނުދިނުމަށް"
ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ދަޑިމަގުގެ ޒުވާނުންނާއެކު ބޭއްވި މިބައްދަލުވުމުގައި ޒުވާނުންވަނީ، ފުވައްމުލަކުގައި ޓާފް ދަނޑަކާއި، ފަތާ ފެންގަޑެއް ހައްދަވައިދެއްވުމަށް ރައީސް ޔާމީން އަރިހުގައި ދެންނެވުމަށް އެދިފައެވެ. މީގެ އިތުރުން ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތައުރީފްކޮށް ޒުވާނުން ވަނީ ވާހަކަދައްކާފައެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިނަށް އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. ޝަހީމް ފުވައްމުލަށް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފުވައްމުލަކުގެ އެކި އަވައްތަކުގެ އެކި އުމުރުފުރާތަކުގެ މީހުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.