ޚަބަރު

ރައްޔިތުންނަށް ލިބޭ ޢިނާޔަތްތައް އުނިކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން - ޢަބްދުއްރަޙީމް


ދިވެހި ރައްޔިތުންނަށް ލިބޭ އެއްވެސް ޢިނާޔަތެއް އުނިކުރުމަކީ ރައީސް ޔާމީން ކުރައްވާނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިހެން ވިދާޅުވީ، އިސްރަށްވެހިންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތްތައް ކަނޑާލާފާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.

އަބްދުއްރަޙީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތަކަށް ލިބޭ އިނާޔަތެއް އުނިކުރުމުގެ ވިސްނުންފުޅު ރައީސް ޔާމީން ނުގެންގުޅުއްވާ ކަމަށާއި އެމަނިކުފާނު ތަޞައްވުރަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދެއްވުން ކަމަށެވެ. އެގޮތުން ވަޒީފާ އަދާކުރެވޭ އުމުރު މަތިކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވަނީވެސް އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ދާދިފަހުން ވަނީ ވަޒީފާއިން ރިޓަޔަރ ކުރަންޖެހޭ އުމުރަކީ 65 އަހަރު ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، ރިޓަޔަރ ކުރާ ޢުމުރު 74 ނުވަތަ 75 އަހަރަށް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 65 އަހަރު ވެގެން މިހާރު ރިޓަޔާކޮށްފައިވާ ފަރާތްތަކަށްވެސް ގޮތްތަކެއް ހަމަޖައްސައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައެވެ.

އިސްރަށްވެހިންނަށްދޭ ޢިނާޔަތްތައް މިސަރުކާރުން ކަނޑާލަފާނެކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުންދިޔަ ނަމަވެސް އިސްރަށްވެހިންނަށްދޭ ޢިނާޔަތް 2 ހާހުން 5 ހާހަށް ބޮޑުކުރީ މި ސަރުކާރުންނެވެ. އަދި އިދިކޮޅު އެމް.ޑީ.ޕީގެ ސަރުކާރުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިން ބޮޑުބައެއް ކަނޑާލައި، މުސާރައިން ކެނޑި ފައިސާ މުވައްޒަފުންނަށް އަނބުރާ ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.