ޚަބަރު

ރައީސް ޔާމީން ވަނީ ގޮންޖެހުންތަކާއެކުވެސް ހެޔޮބަދަލު ގެނެސްދެއްވާފައި - ޑރ.ޝަހީމް


ރާއްޖެއަށް ގެނެސްދެއްވި އިންގިލާބީ ބޮޑެތި ބަދަލުތަކާއެކު، ދިވެހި ޤައުމާއި ރައްޔިތުންނަށް ކުރިމަތިވި ހުރިހާ ގޮންޖެހުންތަކުން ސަލާމަތްކޮށް ދެއްވީ ރައީސް ޔާމީން ކަމަށް އެމަނިކުފާނުގެ ރަނިންގމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ދަނޑިމަގު އަވަށުގެ އިސްރަށްވެހިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޑރ. ޝަހީމް ވިދާޅުވީ ޤައުމުގެ ތަރައްޤީގެ ބިންގާ މައްޗަށް އުފުއްލެވީ ރައީސް ޔާމީން ކަމަށާއި، އެއާއެކު ޤައުމާއި ރައްޔިތުންނަށް ކުރިމަތިވި ގޮން ޖެހުންތައް ހައްލުކޮށްދެއްވީވެސް އެމަނިކުފާނު ކަމަށެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގައި ދިވެހިންނަށް ކުރިމަތިވި ގޮންޖެހުންތަކާއި ޑޮލަރު ލިބުމުގައި ކުރިމަތިވި ތާށިވުންތަކާއި ސިއްޙީ ނިޒާމާއި، ތަޢުލީމާއި އިގްތިޞާދީ ގޮތުން މިއަދު މިދެކޭ ބޮޑު ބަދަލު ގެނެސްދެއްވީ ރައީސް ޔާމީންކަން ޑރ.ޝަހީމް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ޑރ. ޝަހީމް ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެރަށު މެދު ދާއިރާގެ ޕީޕީއެމް ޖަގަހަ ވަނީ ހުޅުވައިދެއްވާފައެވެ. އެ ޖަގަހަ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފުވައްމުލަކު ސިޓީގައި އިސްލާމީ މަރުކަޒެއް ބިނާކުރައްވަން ރައީސް ޔާމީން ނިންމަވާފައިވާކަމުގެ އުފާވެރި ޚަބަރުވެސް ޑރ.ޝަހީމް ވަނީ ދެއްވާފައެވެ.