 
					
									
			ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އިން ހިންގަމުންދާ މޯލްޑިވްސް މީޑިއާ އިންސްޓިޓީއުޓާ، ގުޅިގެން ރާއްޖޭގެ ކްރިއޭޓިވް އިންޑަސްޓްރީ އާއުސްމިންތަކަކަށް ގެންދިއުމަށް މަސައްކަތް ކުރާނެކަމަށް މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީން ބުނެފިއެވެ. 
 
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ލިމްކޮކްވިންގ ޔުނިވަރސިޓީގެ ވައިސް ޕްރެޒިޑެންޓް ދާތޯ ޓިފަނީ މަރީ ލިމް ވިދާޅުވީ، އެމްއެމްއައި އާއިއެކު މަސައްކަތްކުރުމަކީ އެ ޔުނިވަރސިޓީއަށް ލިބޭ އުފަލެއްކަމަށެވެ. އަދި އެމްއެމްއައިއަކީ ކްރިއޭޓިވް އިންޑަސްޓްރީގައި މީހުން ބިނާކުރުމަށް ޤާބިލް އިންސްޓިޓިއުޓެއްކަން އޭނާވަނީ ފާހަގަކުރައްވާފައެވެ. 
ލިމްކޮކްވިންގ ކްރިއޭޓިވް ޓެކްނޮލިޖީގެ ރީޖަނަލް މެނޭޖަރ ޝަޔާމީ ވަނީ، ރާއްޖޭގެ ދަރިވަރުން އެ ޔުނިވަރސިޓީން ގްރެޖުއޭޓްވެގެން ފަޚުރުވެރި ވަނަތަކެއް ހޯދަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ލިމްކޮކްވިންގ އާއި އެމްއެމްއައި ގުޅިގެން ކުރިއަށްއޮތްތަނުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. 
މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ އަކީ ކްރިއޭޓިވް އިންޑަސްޓްރީގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެއް ޔުނިވަރސިޓީއެވެ. އެމްއެމްއައިން މިހާރުވެސް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްގެ ކޯސްތައް ހިންގަމުން އަންނައިރު، ލިމްކޮކްވިންގ ޔުނިވަރސީޓީގެ ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވަލްގެ ކޯސްތައް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.