ޚަބަރު

ފުވައްމުލަކުގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ނިންމައިފި


ފުވައްމުލަކު ސިޓީގައި އިސްލާމީ މަރުކަޒެއް ބިނާކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވާފައިވާކަމަށް އެމަނިކުފާނުގެ ރަނިންގމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެންވިދާޅުވީ މިހާރު ފުވައްމުލަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމް އޮފީސް ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޑރ.ޝަހީމް ވިދާޅުވެފައިވަނީ މިއީ ސީދާ ރައީސް ޔާމީންގެ ފަރާތްޕުޅުން ފުވައްމުލަކު ރައްޔިތުންނަށް ދޭ އުފާވެރި ޚަބަރެއްކަމަށާ، މި އިސްލާމީ މަރުކަޒު ވެގެންދާނީ މިސަރަހައްދުގައި ޢަރަބި އިސްލާމީ ތަޢުލީމް ފަތުރާ މައިހަބަކަށް ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ފަރާތްޕުޅުން، އަޅުގަނޑު ދަންނަވަން މިއުޅޭ އުފާވެރި ޚަބަރަކީ، މާތް ﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިރަށުގައި އިސްލާމީ މަރުކަޒެއް ޤާއިމް ކުރާނަން. މިރަށުގައި އިސްލާމީ މަރުކަޒެއް ޤާއިމް ކޮށް މިސަރަހައްދުގައި ޢަރަބި އިސްލާމީ ތަޢުލީމު ފެތުރުމާއި ކީރިތި ޤުރުއާން ހިތުދަސް ކޮށްދިނުމާއި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް، މިސަރަހްދުގެ މައި ހަބަކަށް މިތާގެ އިސްލާމީ މަރުކަޒު ވެގެންދާނެ "

ޑރ.ޝަހީމް ވިދާޅުވިއެވެ.

މި ރަސްމީއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޑރ.ޝަހީމް ވިދާޅުވީ، މިފަދަ މަރުޒަކެއް ފުވައްމުލަކުގައި ޤާއިމް ކުރުމުގެ މަޤުސަދަކީ އެސިޓީއަކީ ޒަމާނުއްސުރެ އިސްލާމްދީނަށް ޚިދުމަތްކުރާ އެދީނަށް ވަރަށްބޮދަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށަކަށްވުމާއެކު، އަންނަންއޮތް ޖީލުތަކަށް މިކަން ވާރުތަވާނެފަދަ ވަޞީލަތެއް މިރަށުގައި ޤާއިމު ކުރުމުގެ މަޤުސަދުގައި ކަމަށެވެ.

ޑރ.ޝަހީމް ފުވައްމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ މިދަތުރު ފުޅަކީ ރައީސް ޔާމީނަށް ތާއިދު ހޯދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ކުރިއަށް އޮތް ހަތަރު ދުވަހަށް ދެމިގެންދާނެ މި ދަތުރު ފުޅުގައި ފުވައްމުލަކުގައި ވަކި ތަފާތު ކުރުމެއް ނެތި ހުރިހާ ފިކުރެއްގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.