މުޅިރާއްޖެއަށް ހުޅުވާލައިގެން ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އެއްވަނަ ނަޔާ ޢަބްދުއްރަޝީދާއި، މުޙައްމަދު ޒަކިން ޙާމިދު ހޯދައިފިއެވެ.
ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖައްސައި އެކުދިން ކީރިތިޤުރުއާނަށް އަހުލުވެރި ކުރުމުގެ މަޤްސަދުގައި ޕީއެސްއެމްއިން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތް އަމާޒުކޮށްފައިވަނީ ފަސް އަހަރާއި އަށްއަހަރާ ދެމެދުގެ ޢުމުރުފުރައަށެވެ. ރާއްޖޭގެ 8 ސަރަޙައްދެއްގައި ކުރިއަށް ގެންދިޔަ އޮޑިޝަންތަކުން ހޮވާލި 30 ކުދިންގެ މެދުގައި ދެ ގޮތްޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އޮތީ ޕީއެސްއެމްގެ ޓީވީ މޯލްޑިވްސްގެ ސްޓޫޑިއޯ 3 ގައެވެ.
މިމުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ނ.މަނދޫ އަތިރީގޭ ނަޔާ ޢަބްދުއްރަޝީދު ހޯދިއިރު ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ޙާސިލްކުރީ ބ.ތުޅާދޫ ތޯތާގެ މުޙައްމަދު ޒަކިން ހާމިދެވެ. މި ދެކުދިންނަށް ޕީއެސްއެމްއިން ހުށަހަޅާފައިވާ ޓްރޮފީއާއި ފައިސާގެ އިނާމާއި ހަނދާނީލިޔުން ޙަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑިރެކްޓަރުން ބޯޑުގެ ޗެއަރޕާސަން އަޒުރާ އަޙްމަދެވެ.
މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ބައިން ދެކުއްޖަކު ވަނީ ދެވަނަ ޙާސިލްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނ.ހޮޅުދޫ ބަނަފްސާގެ އަކްމަލް އަޖުވަދު ޢަލީ އާއި އއ.ތޮއްޑޫ ޗާންދަނީމާގެ ޒުލައިޚާ ލީމް އަޝްފާޤެވެ. އަދި މި ބައިގެ ތިންވަނަ ހޯދީ ހދ.ކުޅުދުއްފުށީ ހުރާ ސާލިމް އާދަމް ހުޞައިނެވެ.
މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން ދެވަނަ، ހ.ނުމާގެ އަޔާނާ މުޙައްމަދު ޞާލިޙް ހޯދިއިރު، މިބައިގެ ތިންވަނަ ޙާސިލްކުރީ ބ.އޭދަފުށި ބަގީޗާގެ އުޔޫން ޙަމްދުﷲ ހުސައިނެވެ. އަދި މުބާރާތުގެ ދެ ގޮފިން އެއްވަނަ ދެވަނަ ތިންވަނައިގެ އިތުރުން ކޮންމެ ޢުމުރުފުރައަކުންވެސް ގަދަ 5 ކުދިން ހޮވައި އެކުދިންނަށް ޚާއްޞަކޮށް ޕީއެސްއެމުން ހުށަހެޅި އިނާމް ވަނީ ޙަވާލުކޮށްފައެވެ.
ރަމަޟާން މަހަށް ޚާއްޞަކޮށް ޕީއެސްއެމުން، ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ޤުރުއާން މުބާރާތުގައި ވާދަކުރި ކުދިންނަށް މާކްސް ދިނުމުގައި، ތަޖުވީދާއި އަޑުގެ މަޚުރަޖަށް ބަލާފައިވާއިރު، ތަޖުވީދާ ގުޅުންހުރި ސުވާލުތައްވެސް ވަނީ ބައިވެރިންނާ ކޮށްފައެވެ. މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤުރްއާން މުދައްރިސުންނެވެ.