ޚަބަރު

އުމަރު ނަސީރާއި، ޝުޖާއު ހުޞައިން ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން ނިންމައިފި


އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާން ކޮށްފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުޞައިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރާނެކަން އިއުލާން ކޮށްފިއެވެ.

އިންތިޚާބުގައި ވާދަ ނުކުރާނެކަން އިޢުލާންކޮށް އުމަރު ނަޞީރު ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންތިޚާބުގައި ވާދަކުރަން ނިންމީ، ޑްރަގާއި މީހުން މެރުމާއި ކޮރަޕްޝަނުގެ އަމަލުތަކުން ދިވެހިން ސަލާމަތްކޮށް، އިސްލާމީ ހަމަތަކުގެ މަތީގައި ޤާއިމުވެ އޮންނަ އަމާން މުޖުތަމައަކާ ދިމާލަށް ރާއްޖެ ގެންގޮސްދިނުމަށް ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު އޮތް ގޮތުން، ރިޔާސީ އިންތިޚާބުގައި ވާދަނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް އޭނާގެ ވަގުތު ނުޖެހޭ ކަމަށް ޤަބޫލުކުރާ ކަމަށްވެސް އުމަރު ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރާނެކަން އިޢުލާންކޮށް ޝުޖާއު ހުޞައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޭނާ ކުރަމުން އަންނަ މަސައްކަތްތަކަކީ ރާއްޖެއަށް ހަޤީޤީ ޑިމޮކްރަސީ އިއާދަކޮށްދީ، ޒުވާނުން ބާރުވެރިކޮށް، ޤައުމު އާ ފެށުމަކުން ފެށުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. އަދި ޤައުމަށް ޑިމޮކްރެސީ ގެނައުމުގެ ނަމުގައި ކުރީގެ ރައީސް މައުމޫނާއި ރައީސް ނަޝީދާއި، ޤާސިމް އިބްރާހިމާއި ޝެއިހް އިމްރާންފަދަ ބޭފުޅުން ގުޅިގެން ރައްޔިތުންނަށް އިތުރުފުޅު ހައްދަވާ އޮޅުވާލާފައިވާކަމަށްވެސް ސުޖާއުގެ ބަޔާނުގައި ބުނެފައިވެއެވެ. ޝުޖާއުގެ ބަޔާނުގައި ރައީސް ޔާމީނަށްވެސް ފާޑު ކިޔާފައިވެއެވެ.