ޚަބަރު

ހުޅުމާލޭގައި އަލަށް ތަރައްޤިކުރާ ލޯކަލް މާރުކޭޓާއި ފުޑްކޯޓުގެ %75 ނިމިއްޖެ- އެޗްޑީސީ


ހުޅުމާލޭގައި އަލަށް ތަަރައްޤީކުރާ ލޯކަލް މާރުކޭޓާއި، ފުޑްކޯޓުގެ ޚިދުމަތް ވަރަށް އަވަހަށް ދޭން ފަށާނެކަމަށް ހައުސިން ޑިވެލޮމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ މ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށާ، މިހާރު މި މަސައްކަތުގެ 75 އިންސައްތަ ނިމިފައިވާކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މާރުކޭޓުގެ ގޮޅިތައް ވަކި ކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ބުނެއެވެ. ހުޅުމާލޭގައި މިހާރުވެސް ލޯކަލް މާރުކޭޓެއް ހުރެއެވެ. އެޗްޑީސީން ބުނީ އަލަށް ހަދާ މާރުކޭޓުގައި 63 ގޮޅި ހުންނާނެ ކަމަށެވެ.

ހުޅުމާލޭގެ އާ މާރުކޭޓާއެކު ތަރައްޤީކުރާ ފުޑްކޯޓުތަކުގެ މަސައްކަތަށް ބަލާއިރު، މިހާރު ކުރިއަށްދަނީ ފުޑްކޯޓުތަކުގައި ތަށިމުށިޖެހުމުގެ މަސައްކަތްކަމަށް އެޗްޑީސީން ބުނެއެވެ. މިތަނުގައި 8 ފުޑްކޯޓް ހެދުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގައި އަލަށް ތަރައްޤީކުރާ ފުޑްކޯޓާއި ލޯކަލް މާރުކޭޓު ތަރައްޤީކުރަނީ، ހުޅުމާލެ ފެރީޓަރމިނަލް ސަރަޙައްދުގައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި އިތުރު ލޯކަލް މާރުކޭޓެއް ހެދުމަށް ނިންމާފައިވަނީ، އާބާދީއަށްބަލައި ހުޅުމާލޭގެ ރައްޔިތުންނަށް މިފަދަ ޚިދުމަތްތަކެއްގެ ބޭނުން ބޮޑުކަމުން ކަމަށެވެ.

އެގޮތުން މި މާރުކޭޓުން މޭވާއާއި ތަރުކާރީއާއި، މަހުގެބާވަތްތައް ފަސޭހަކަމާއިއެކު އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.