ޚަބަރު

ކުރިއަށް އޮތް ދެ އަހަރަށް ނަން ނޯޓްކުރި މީހުން އާ ކޯޓާގެ ދަށުން މިއަހަރު ހައްޖަށް ފޮނުވަނީ


ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ކުރިއަށް އޮތް 2 އަހަރަށް ޙައްޖަށް ދިއުމަށް ޖާގަ ކަށަވަރުވެފައިވާ ފަރާތްތަކުގެ ތެރެއިން މި އަހަރު ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ޙައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

ޙައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފައިސާ ދެއްކުމަށްފަހު 2019ވަނަ އަހަރާއި 2020ވަނަ އަހަރު ޙައްޖަށް ދިއުމަށް ޖާގަ ކަށަވަރުވެފައިވާ ފަރާތްތަކުގެ ތެރެއިން މި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަން ނިންމީ، ސަޢުދީން ދިވެހިރާއްޖެއަށް އިތުރު 1000 ކޯޓާ ދިނުމާއި ގުޅިގެން އެކޯޕަރޭޝަނަށް އިތުރު ޖާގަ ލިބިފައިވާތީ ކަމަށެވެ.

ސަޢުދީން މިއަހަރު ރާއްޖެއަށް ދީފައިވާ 1000 ޙައްޖު ކޯޓާގެ ތެރެއިން 900 ކޯޓާ ދިނުމަށް ސަރުކާރުން ނިންމާފައި ވަނީ ޙައްޖު ކޯޕަރޭޝަނަށެވެ. ސަރުކާރުން ޙައްޖު ކޯޕަރޭޝަނަށް ދީފައިވާ 900 ކޯޓާއާއި އެކު މިއަހަރު ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި 1500 ޙައްޖާޖީން ޙައްޖަށް ގެންދިއުމުގެ ފުރުޞަތު އެކޯޕަރޭޝަނަށް މިހާރު ވަނީ ލިބިފައެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އަލަށް ލިބުނު ޖާގައާއެކު އެ ކޯޕަރޭޝަންގެ ޙަވާލުގައި ކުރިއަށްއޮތް 2 އަހަރަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ ފަރާތްތަކުން މިރޭ 10:00ގެ ކުރިން ޙައްޖު ކޯޕަރޭޝަންގައި ނަންނޯޓު ކުރުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ނަންނޯޓު ކުރާ ފަރާތްތަކުގެ ތެރެއިން ޙައްޖަށް ދިއުމުގެ ފުރުޞަތު ދެވޭނީ ޖާގަ ކަށަވަރު ކުރައްވާފައިވާ ތަރުތީބުން ކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ. އެކޯޕަރޭޝަން ބުނީ ޙައްޖަށް ދިއުމަށް ޖާގަ ކަށަވަރުވެފައިވާކަން އެ ކޯޕަރޭޝަންގެ ވެބްސައިޓުން ފެންނާނެ ކަމަށެވެ.

1439 ވަނަ އަހަރު ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ޙައްޖަށް ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާގެ އިތުރުން މި މަހުގެ 12ވަނަ ދުވަހުގައެވެ. އަލަށް ހުޅުވާލި ފުރުޞަތުގައި ނަންނޯޓު ކުރާ ފަރާތްތަކުގެ ތެރެއިން ޖާގަ ކަށަވަރުވާ ފަރާތްތައް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށް ދިއުމަށް ޖާގަ ލިބޭނީ އެ ކޯޕަރޭޝަންގައި ރަޖިސްޓްރީވެ، ޖުމްލަ އަގު އެއްކޮށް ދައްކާ ޚަލާސްކޮށްފައިވާ ފަރާތްތަކާއި ޖުމްލަ އަގުގެ %75 ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ. ކޯޓާއަށް އަންނަ ބަދަލަކުން ޖާގަ ލިބޭ އަހަރު ބަދަލުވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، ވަކި އަހަރަކަށް ޙައްޖަށް ދިއުމަށް ފައިސާ ދައްކާފައި ވަނިކޮށް، ކޯޓާ އިތުރުވުމާއި ގުޅިގެން ޖާގަ ލިބޭ އަހަރު އަވަސްވުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ. އަދި ޙައްޖުވެރިޔާ ބޭނުންވާނަމަ، ފުރުޞަތު ދޫކޮށްލައި ވިދިގެން އަންނަ އަހަރު ޙައްޖަށް ދިޔުމަށް ފަސްކުރެވިދާނެ ކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުނެއެވެ.