ޚަބަރު

އެންވަޔަރަމަންޓް ޕޮލިސްގެ މަސައްކަތް ރަސްމީކޮށް ފަށައިފި


އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ އެންވަޔަރަމަންޓް ޕޮލިސްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެންވަޔަރަމަންޓް ޕޮލިސްއަކީ ރާއްޖޭގެ ރަށްތައް ސާފު ރަށްތަކެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުންދީ، މާލޭގެ މަގުތައް ސާފުކޮށް ބަލަހައްޓައި، މަގުތަކަށް ކުނިއެޅުން ހުއްޓުވުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އުފެއްދި ޚިދުމަތެކެވެ.

އެންވަޔަރަމަންޓް ޕޮލިސްގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއިއެކު ފެށިގެން މިދިޔަ މަސައްކަތަކީ ދިވެހި ސަރުކާރުން ރާއްޖެއަކީ ސާފުތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށެވެ.
މި މަޝްރޫގައި ޕޮލިހުންގެ ދައުރަކީ ކުނިއަޅާ ފަރާތްތައް ހޯދާ ނަސޭހަތްލައިދީ އަދި އެކަން ތަކުރާރުކުރާނަމަ ޖޫރިމަނާ ކުރުންކަމަށެވެ. އެގޮތުން ކުށުގެ ކުޑަ ބޮޑުމިނަށްބަލައި ކުނިއަޅާ ފަރާތްތައް 300 ރުފިޔާއިން ފެށިގެން 100 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެންވަޔަރަމަންޓަ ޕޮލިސްގެ އެންމެ ބޮޑު އެއް އަމާޒަކަށް ވާނީ އެގޮތަށް ކުނިއަޅާ ފަރާތްތައް ހޯދާ، އެފަރާތްތަކަށް ދޭންޖެހޭ އިންޒާރެއްވެއްޖިއްޔާދީ އެ މަސައްކަތް ހުއްޓުވާ އަދި އޭގެއިތުރުން އެފަރާތްތަކަށް ދޭންޖެހޭ ސްލިޕްކޮޅެއް އެއީ ޖޫރިމަނާ ސްލިޕްކޮޅު ހަވާލުކުރުން. ދެން އޭގެ އިތުރަށް އަޅުގަނޑުމެން މިވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީއާވެސް ވާހަކަދައްކާ މިދަންނަވާ ޖޫރިމަނާތައް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީން ފައިސާ ބަލައިގަންނަ ގޮތަށް ރޭވިފަ" ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، މިކަމުގައި އެ މުއައްސަސާގެ ވިސްނުން ހުރީ ބަޔަކާ ސްލިޕް ހަވާލުކުރުމުގެ ބަދަލުގައި ވާހަކަދައްކައިގެން މިކަން ހައްލުކުރުމަށްކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް މިހާރު ވިސްނުން މިގެންގުޅެނީ ސްލިޕް ދޫކުރުމުގެ ބަދަލުގައި ނަސޭހަތްތެރިވެގެން މިކަންކަން ހައްލުކުރެވޭނެ ގޮތްތަކެއް ފުރަތަމަ ގެންގުޅެވޭތޯ. ދެން އޭގަ އަޅުގަނޑުމެންނަށް ހަމަ ފުދޭވަރެއްގެ ބޮޑު ކާމިޔާބީއެއް ލިބެމުން އަންނަނީ." އަބްދުﷲ ނަވާޒް ވިދާޅުވިއެވެ.

އެންވަޔަރަމަންޓް ޕޮލިސް މަސްރޫގައި ސޮއިކުރި ހިސާބުން ފެށިގެން މިއަދާއި ހަމައަށް 46 ފަރާތަކަށް ނަސޭހަތްތެރިވެ، 17 ފަރާތަކަށް ސްލިޕް ދޫކުރެވިފައިވާކަމަށް ޕޮލިހުން ބުނެއެވެ. އަދި 77 ތަނެއް ވަނީ ސާފުކޮށްފައިވެއެވެ.

"ސާފު ރާއްޖެ" އިނިޝިއޭޓިވްގެ ދަށުން އެންވަޔަރަމަންޓް ޕޮލިސްގެ ޙިދުމަތް ފެށުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސްއާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ދެމެދު ސޮއިކުރީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.