ޚަބަރު

ސައުދީއާއެކު ހަރުދަނާ ގުޅުމެއް ދަމަހައްޓަން ބޭނުން: ކެނެޑާ


އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ވޭތުވެދިޔަ އަހަރުތަކުުގައި ސައުދީ ޢަރަބިޔާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި މިކަމުގައި އެ ޤައުމަށް އަދިވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅިދާނެކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫދޯ ވިދާޅުވެއްޖެއެވެ.

ކެނެޑާގެ ބޮޑު ވަޒީރު މިހެން ވިދާޅުވެފައި މިވަނީ، ސައުދީ ޢަރަބިއްޔާގައި، އެ ޤައުމުގެ އެކްޓިވިސްޓުންތަކަކާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކާމެދު ކެނެޑާއިން ކަންބޮޑުވުން ފާޅުކުރި މައްސަލައިގައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ސައުދީ ޢަރަބިއްޔާގައި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކަށް ނިސްބަތްވާ ބަޔަކު އެ ޤައުމުގެ ފުލުހުން ހައްޔަރުކުރި މައްސަލައިގައި ކެނެޑާއިން ކަންބޮޑުވުންފާޅުކޮށްފައިވަނީ ހުކުރު ދުވަހުގައެވެ.

ކެނެޑާއިން އޭރު ބުނެފައިވަނީ، މި ފަރާތްތަކުގެ މިނިވަންކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި، އެ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށްދޭން ޖެހޭކަމަށެވެ. ކެނެޑާގެ މިވާހަކަތައް ސައުދީ ޢަރަބިއްޔާއިން ވަގުތުން ކުށްވެރިކުރިއެވެ. އަދި މިއީ ސައުދީ ޢަރަބިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒުފޯރުވުމަށް ކެނެޑާއިން ކުރި މަސައްކަތްތަކެއްގެ ގޮތުގައި ސައުދީ އިން ދެކޭކަމަށާއި މިކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ސައުދީ ޢަރަބިޔާއިން ދިނެވެ.

މިއާއެކު ސައުދީން ވަނީ ކެނެޑާއާއެކު އަލަށް އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ނުކުރުމަށާއި، ކެނެޑާގައި އެ ޤައުމުން އެއްވެސް އާ އިންވެސްޓްމަންޓެއް ނުކުރުމަށް ނިންމާފައެވެ. މި މައްސަލައިގައި ކެނެޑާއިން ސައުދީ ޢަރަބިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ރަށަށް ފޮނުވާލުމަށް ނިންމައި، ކެނެޑާގައި ހުންނަ ސައުދީގެ ސަފީރު ސައުދީއަށް ގެނައެވެ. މީގެ އިތުރުން، ސައުދީގެ ހޮސްޕިޓަލްތަކުގައި ތިބި ބަލިމީހުން އިތުރު ފަރުވާއަށް ކެނެޑާއަށް ފޮނުވުން ހުއްޓާލާ، ކެނެޑާގެ ހޮސްޕިޓަލްތަކުގައި ޢަމަލީ ތަމްރީނު ހޯދަމުންދާ ސައުދީ ޑޮކްޓަރުން ޤައުމަށް އެނބުރި އައުމަށް އެއް ހަފުތާގެ މުހުލަތެއް ސައުދީއިން ވަނީ ދީފައެވެ.

މިއާއެކު، ކެނެޑާގެ ސިއްޙީ ފަރުވާދިނުމުގެ ނިޒާމަށް ބުރޫތަކެއް އަރާނެކަމަށް ބެލެވެއެވެ. ސައުދީގެ މި ނިންމުމާއެކު ވޭތުވެދިޔަ ސާޅީސް އަހަރު މި ކަމުގައި ދެ ޤައުމުން ޢަމަލުކުރަމުން ދިޔަ ޕްރޮގްރާމް މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ސައުދީ ޢަރަބިޔާގެ ޚާރިޖީ ވަޒީރު އާދިލް ޢަލް ޖުބައިރް ވިދާޅުވީ، މި މައްސަލައިގައި ދެ ޤައުމުން މަޝްވަރާކުރުމުގެ ބޭނުމެއް ނެތްކަމަށާއި ކެނެޑާއަށް ކުރެވުނު ކަންތަކަށް އެ ޤައުމުން މާޢަފަށް އެދެން ޖެހޭކަމަށެެވެ.

ޖުބައިރު އިތުރަށް ވިދާޅުވީ، މިކަމުގެ ސަބަބުން ސައުދީ ޢަރަބިޔާއިން ކެނެޑާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް އަދިވެސް ވިސްނަމުންދާނެ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި، ސައުދީ ޢަރަބިއްޔާގައި އިންސާނީ ހައްޤުތައް ރައްކާތެރިކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ސައުދީއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި، މިކަމުގައި އެ ގައުމަށް އަދި ވެސް ހަރުދަނާ ކުރެވޭނެ ކަންކަން އެބަހުރި ކަމަށް ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫދޯ މިވަނީ ވިދާޅުވެފައެވެ.

މޮންޓްރެއަލްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރޫދޯ ވިދާޅުވީ، ދެ ޤައުމުގެ ދެމެދު މިހާރު އުފެދިފައިވާ މައްސަލައަކީ ސިޔާސީ ޚިޔާލުތަފާތުވުމެއް ކަމަށާއި، މިކަން ހައްލުކުރުމަށް އެކަށިގެންވާ މަޝްވަރާތައް ކުރަމުންދާކަމަށް. ޓްރޫދޯ ވިދާޅުވީ، ސައުދީ ޢަރަބިޔާއަކީ ބައިނައަލްއަޤުވާމީ މަސްރަހުގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމަކަށްވާހިނދު، އެ ޤައުމާއެކު ހަރުދަނާ ގުޅުމެއް ބޭއްވުމަށް ކެނެޑާއިން ބޭނުންވާކަމަށެވެ.

ދެ ޤައުމުގެ ދެމެދު އުފެދިފައިވާ މައްސަލައިގެ ތެރެއަށް އެމެރިކާއިން ނުވަންނާނެ ކަމަށް ބުނެފައިވާ އިރު މި މައްސަލަ ހައްލުކޮށްދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އިނގިރޭސިވިލާތާ، ޔޫ.އޭ.އީ އަދި ބަހްރައިނަށް ކެނެޑާއިން ވަނީ ދައުވަތުދީފައެވެ.