ޚަބަރު

ސޫރިޔާގެ ހަނގުރާމައިގައި މިހާތަނަށް 383 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވޭ- އދ


2011 ވަނަ އަހަރުން ފެށިގެން ސޫރިޔާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ އަގު ގާތްގަނޑަކަށް ހަތަރު ސަތޭކަ ބިލިއަން ޑޮލަރަށް އަރާކަމަށް އދން ހާމަކޮށްފިއެވެ.

ސޫރިޔާގެ ހަނގުރާމައާ ބެހޭގޮތުން މަޝްވަރާކުރުމަށް ދެ ދުވަހަށް ލުބުނާނުގައި ކުރިއަށްގެންދިޔަ ޚާއްޞަ ކޮންފަރެންސްއަކަށް ފަހު އދން ބުނެފައިވަނީ، ސޫރިޔާގެ ހަތް އަހަރުދުވަސްވީ ހަނގުރާމައިގެ ސަބަބުން މިހާތަނަށް އެ ޤައުމަށް ލިބިފައިވާ އުމްރާނީ ގެއްލުމުގެ އަގު ތިން ސަތޭކަ އަށްޑިހަ ތިން ބިލިއަން ޑޮލަރަށް އަރާކަމަށެވެ. އަދި މިއީ ހަނގުރާމައިގައި ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާތީ، އިންސާނީ ވަޞީލަތްތަކަށް ލިބުނު ހީނަރުކަން ފޫބެއްދުމަށް ހިނގާނެ ޚަރަދުތައް އުނިކުރުމަށްފަހު ގެއްލުން އަގުކުރެވޭ މިންވަރުކަމަށް އދން ބުނެއެވެ.

އދން ބުނެފައިވަނީ ހަނގުރާމައިގެ ކުރިން ސޫރިޔާގައި އުޅެމުންދިޔަ އާބާދީގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ އަވަށްޓެރި ޤައުމުތަކަށް ހިޖުރަކޮށްފައިކަމަށެވެ. އދން ބުނީ ހަނގުރާމައިގެ ސަބަބުން އެ ޤައުމަށް ލިބިފައިވާ ގެއްލުމުގެ ފުރިހަމަ ދިރާސާއެއްގެ ނަތީޖާ ރިޕޯޓު ސެޕްޓެމްބަރު މަހު ޝާއިޢުކުރާނެކަމަށާއި، އެ ދިރާސާ ވެގެންދާނީ ހަނގުރާމައަށް ފަހު ސޫރިޔާއަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭގޮތުން ކުރާ މަޝްވަރާތަކަށް މުހިއްމު ދިރާސާއަކަށް ކަމަށެވެ.