ޚަބަރު

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ފައިނަލިސްޓުން އިޢުލާންކޮށްފި


މޯލްޑިވްސް ބިޒްނަސް އެވޯޑްގެ ފައިނަލިސްޓުން އިޢުލާންކޮށްފިއެވެ. މިއީ ރާއްޖޭގައި ހިންގާ ޕީއާރު، މާކެޓިންގް އަދި ބިޒްނަސް ޑިވެލޮޕްމަންޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކްއިން އިންތިޒާމްކޮށްގެން ބާއްވާ އެވޯޑެކެވެ. އެ ކުންފުނިން ބުނެފައިވަނީ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ފައިނަލިސްޓުން މިހާރު ކަށަވަރުވެފައިވާކަމަށެވެ.

3 ކެޓަގަރީއަކުން ބިޒްނަސް އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެންޓަޕްރައިސް އެކްސެލެންސް އެވޯޑާއި އިންޑިވިޖުއަލް އެކްސެލެންސް އެވޯޑްގެ އިތުރުން އިންޑަސްޓްރީ އެކްސެލެންސް އެވޯޑެވެ.

އެންޓަޕްރައިސް އެކްސެލެންސް އަދި އިންޑިވިޖުއަލް އެކްސެލެންސް އެވޯޑްގެ ފައިނަލިސްޓުން ހޮވާފައިވަނީ ޖަޖުންގެ މާކްސްއާއި ލިބުނު ވޯޓަށް ބެލުމަށްފަހުއެވެ. އަދި އިންޑަސްޓްރީ އެކްސެލެންސް އެވޯޑްގެ ފައިނަލިސްޓުން ހޮވާފައިވަނީ ޖަޖުންގެ މާކްސްގެ އިތުރުން ޕްރެޒެންޓޭޝަންއާއި، އިންޓަވިއުއަށް ބެލުމަށްފަހުގައެވެ.

ރާއްޖޭގައި ދެވޭ ފުރަތަމަ ބިޒްނަސް އެވޯޑްސްގައި 20 އެވޯޑެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. ޖަޖިންގެ މަސައްކަތް ކޮށްފައިވަނީ ހުރިހާ ދާއިރާއެއްގެ ތަޖުރިބާކާރު ފަރާތްތައް ހިމެނޭހެން 9 ދިވެހިން ހިމެނޭ ޖަޖިންގެ ޕެނަލަކުންނެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑްގެ ގާލާ އިވެންޓް އޮންނާނީ މިމަހުގެ ފަހުކޮޅުއެވެ.