ކުޅިވަރު

ކޯޗުންގެ ލިސްޓުގައި ނަން ނެތުމުން މަރަޑޯނާ ރުޅިއަތުވެއްޖެ


އާޖެންޓީނާގެ ޤައުމީ ކޯޗުކަމަށް މީޑިޔާތަކުން ނޮމިނޭޓްކުރާ ލިސްޓުގައި އޭނާގެ ނަން ނުޖަހާތީވެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާ ރުޅިއަތުވެއްޖެއެވެ.
1986 ވަނަ އަހަރުގެ ވަރލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މަރަޑޯނާ ވަނީ 2006 ވަނަ އަހަރުގެ ވަރލްޑް ކަޕުގައި އާޖެންޓީނާއަށް ކޯޗުކޮށްދީފައެވެ. އޭނާއަށް ޓީމާއެކު ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.

ނަމަވެސް ރަޝިޔާގައި މިދިޔަ މަހު ނިމުނު މުބާރާތުގެ ދެ ވަނަ ބުރުން އާޖެންޓީނާ ކެޓުމުން އޭނާ ވަނީ ހިލޭ ސާބަހަށް ޤައުމީ ޓީމަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ބުނެފައެވެ.

"އަހަރެންގެ ނަން ނުޖެހިޔަސް އަހަރެންގެ ފަރުވާލެއްނެތް. އެކަމަކު އަހަރެން އަބަދުވެސް ހުންނާނީ އާޖެންޓީނާގެ ޚިދުމަތުގައި. އެމީހުން (ނޫސްވެރިން) ގަސްތުގައި އަހަރެންގެ ނަން ނުޖަހަނީ. ފަހަރުގައި ބައެއް މީހުން އަހަރެން ދެކެ ނުރުހެނީ ކަމަށް ވެސް ވެދާނެ. މިކަހަލަ ނޫސްވެރިން އާޖެންޓީނާގައި މިތިބެނީ،" މަރަޑޯނާ ބުންޏެވެ.

މިފަހަރުގެ ވަރލްޑް ކަޕުގައި އޭނާ ވަނީ އާޖެންޓީނާ ކުޅުނު ކޮންމެ މެޗެއްގައި ޓީމު ކުޅޭތަން ބަލަން ދަނޑަށް ގޮސްފައެވެ. އަދި ނޫސްތަކުގެ ޞުރުހީތަކުންވެސް ވަރަށް ގިނައިން ޖާގަ ހޯދިއެވެ. އޭގެ ތެރޭގައި އާޖެންޓީނާ މުބާރާތުން ކެޓުމުން ކޮލަމްބިއާއަށް ސަޕޯޓް ކުރަން ނިންމައި އެ ޤައުމުގެ ޖަރޒީލުން ވެސް ހިމެނެއެވެ. ކޮލަމްބިއާގެ ޖަރޒީ ލުން ގިނަ ބަޔަކު ސިފަކުރީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.