ކުޅިވަރު

އާޖެންޓީނާގެ މުޅި މިލްކިއްޔާތާއި ގާޑިއޯލާގެ މުސާރަ ނުބައްދަލު: ރައީސް


އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ސްޕޭނުގެ ޕެޕް ގާޑިއޯލާ ނުގެނެވުނީ އެޤައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން ފަޤީރުކަމުން ކަމަށް އާޖެންޓީނާއިން ބުނެފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވީ ނިމިދިޔަ ވަރލްޑް ކަޕުގެ ދަށް ނަތީޖާއަށް ފަހު ކޯޗަކަށް ގާޑިއޯލާ ގެނައުމަށް މަސައްކަތް ކުރި ކަމަށެވެ.

"އަހަރުމެން ވާހަކަ ދެއްކިން ގާޑިއޯލާއާ. އެކަމަކު އޭނާގެ މުސާރަ މާބޮޑު. އާޖެންޓީނާގައި އޮތީ މުޅިން ގޯސް ވޮލެޓެއް. އަހަރުމެންގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ މުޅި މިލްކިއްޔާތު މޯގޭޖްކޮށްގެން ވެސް އޭނާއަށް މުސާރަ ނުދެވޭ. މިހެންވެ އޭނާ ނުގެނެވުނީ. އެއީ އަހަރުމެންނަށް ކުރެވޭ ވަރުގެ ކަމެއްނޫން،" ބާސެލޯނާ އާއި ބަޔާން މިއުނިކްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު މިހާރު މެންޗެސްޓާ ސިޓީއަށް ކޯޗުކޮށްދެމުން އަންނަ ގާޑިއޯލާއާ ބެހޭ ގޮތުން ޓަޕިއާ ބުންޏެވެ.

އޭނާ ބުނީ އާޖެންޓީނާގެ ކޯޗުކަމަށް މީހަކު ގެންނާނީ ވަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު ކުރިއަށް އޮތް ޑިސެމްބަރުގެ ފަހުން ކަމަށެވެ. މި ގޮތުން ޓޮޓެންހަމްގެ ކޯޗު އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓިނޯ އާއި އެތްލެޓިކޯ މެޑްރިޑަށް ކޯޗުކޮށްދޭ އާޖެންޓީނާގެ ކުރީގެ މިޑްފީލްޑަރު ކްލައުޑިއޯ ސިމިއޯނީ އާއި ރިވަޕްލޭޓްގެ މާސެލޯ ގަލާޑޯ އަކީ ކެންޑިޑޭޓުން ކަމަށެވެ.

"އެކަމަކު އަހަރުމެން އެބަޖެހޭ އެމީހުންނަށް ވަގުތުދޭނެ. އެ މީހުން އާޖެންޓިނާއަށް ކޯޗުކޮށްދޭން ބޭނުންތޯ ބަލަން. އަހަރުމެންގެ ދުރު ރާސްތާ ޕްރޮޖެކްޓް ކުރިއަށް ގެންދަން އެމީހުން ޝައުގުވެރިތޯ ބަލައި މަޝްވަރާ ކުރަންޖެހޭ. މިހެންވެ އާ ކޯޗަކު ހަމަޖައްސަން އަވަސް އަރުވާ ނުލާނަން،" ޓަޕިއާ ބުންޏެވެ.

އަހަރީ އާމްދަނީގޮތުގައި އަހަރަކު 15 މިލިއަން ޕައުންޑަށްވުރެ ބޮޑު މުސާރައެއްލިބޭ ގާޑިއޯލާ އާޖެންޓީނާގެ ކޯޗު ކަމާ ބެހޭ ގޮތުން ދީފައިވަނީ ފިނި ޖަވާބެކެވެ.

"އާޖެންޓީނާއަށް ކޯޗުކޮށްދޭން ޖެހޭނީ އާޖެންޓީނާ ކޯޗުން. ބްރެޒިލަށް ކޯޗުކޮށްދޭން ޖެހޭނީ ބްރެޒިލް ކޯޗުން. އާޖެންޓީނާ ބްރެޒިލްގައި މޮޅު ކޯޗުން އެބަތިބި،" ގާޑިއޯލާ ބުންޏެވެ.