ޚަބަރު

މުޢައްސަސާތަކަށް ނުފޫޒެއް ނުފޯރުވަން، އެކަން ކޮށްފައިވަނީ އިދިކޮޅު ފަރާތްތައް - ރައީސް


ދަޢުލަތުގެ މުޢައްސަސާތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު މާޒީއަށް ދިވެހި ރައްޔިތުން ޖެހިލާއިރު މުޢައްސަސާތަކަށް ނުފޫޒު ފޯރުވާފައިވާ ވަނީ ކޮން ބޭފުޅެއްކަން އެނގިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިއްޔަށް މިއަދު ހަވީރު ވަޑައިގެން އެރަށު ރައްޔިތންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ބޭއްވި ދުވަސްވަރު، އޭރު އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގައި ހުންނެވި ފުއާދު ތަޢުފީޤުގެ ގެއަށް، އިންތިޙާބުގައި ވާދަކުރެއްވި ބޭފުޅަކު ދަންވަރުގެ ވަގުތެއްގައި ވެންނެވި ކަމަށާއި، އެ ބޭފުޅާއަށް އެތަނުން ނުނިކުމެވިގެން ވެސް އުޅުއްވި ކަމަށެވެ.

"އޭރު އިންތިޙާބުގައި ވާދަކުރެއްވި ބޭފުޅެއް ރައީސް ނަޝީދަކީ. އިންތިޙާބު ކައިރިވިގެން އުޅުނު އިރު، އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ހުންނެވި ފުއާދު ތައުފީގުގެ ގެއަށް ވަދެގެން ނުނިކުމެވިގެން އުޅުނު މަންޒަރު އަޅުގަނޑުމެން ދުށިން. ޓީވީތަކުންނާއި ނޫސްތަކުން އެވާހަކަތައް ގެނެސްދިން. އިންތިޙާބުގެ ދުވަސްވަރު ކީއްވެތޯ އިލެކްޝަންސް ކޮމިޝަނަރުގެ ގެއަށް ދާންވީ." ރައީސް ސުވާލު އުފެއްދެވި.

ރައީސް ވިދާޅުވީ އިންތިޚާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި އިންތިޙާބުގައި ވާދަކުރައްވާ ކެންޑިޑޭޓަކު ދަންވަރުގެ ވަގުތެއްގައި އިންތިޚާބުގެ ބެލެނިވެރި ފަރާތްކަމަށްވާ އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ ގެއަށް ވަންނަވާނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި ހަމަ އެކަނި އެކަމަށް އެކަނި ބަލާލި ނަމަވެސް ދަޢުލަތާއި ދަޢުލަތުގެ މުޢައްސަސާތަކަށް ނުފޫޒު ފޯރުވަނީ ކޮން ބައެއްކަން ހާމަވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ދަޢުލަތުގެ މުޢައްސަސާތަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި ހުވާ ލައިދިނުމުގެ ރަސްމިއްޔާތެއްގައި، އެކޮމިޝަނަށް ރައީސުލުމްޖުމްހޫރިއްޔާގެ ފަރާތުން ކަނޑައަޅާފައި ހުންނަ މެންބަރަކު، ކަންތައްތަކެއް ކޮށް، އެޖަލްސާ ހިޞާރުކޮށްގެން އުޅުނު މަންޒަރުވެސް ދިވެހި ރައްޔިތުންނަށް ފެނިފައިވާނެ ކަމަށެވެ. އަދި އެކަމުންވެސް، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވަނީ ކޮން ބޭފުޅެއްކަން ދިވެހި ރައްޔިތުންނަށް އެނގިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޖޭއެސްސީގައި، ފަނޑިޔާރުންނަށް ހުވާލައި ދިނުމުގެ ރަސްމިއްޔާތެއް ހިޞާރު ކޮށްގެން، ކޮންމެސް އަންހެން ބޭފުޅަކު އުޅުއްވިތަން އަޅުގަނޑުމެންނަށް ޓީވީ ތަކުން މިހާރުވެސް ފެނެއެއްނޫންތޯ. އެކަނބަލަކީ އޭރުގެ ރައީސް، ރައީސް ނަޝީދު ޖޭއެސްސީއަށް އައްޔަން ކުރައްވާފައި ހުންނެވި މެންބަރު. އެކަމަނާ އެކަން ކުރީ ވަކި ބަޔަކު ހުވާ ކުރިޔަ ނުދޭން. ރައީސް ވިދާޅުވިއެވެ.

ދަޢުލަތާއި ދަޢުލަތުގެ މުޢައްސަސާތަކަށް އިދިކޮޅު ފަރާތްތަކުން ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ މިންވަރު އިތުރަށް ހާމަކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ބާރު ފޯރުވައި، އެ މުއައްސަސާގެ ޤާނޫނީ މަސައްކަތްތައް ކުރުމަށްވެސް، ކުރީގެ ސަރުކާރުން މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ނިސްބަތްވާ މއ. ކިނބިގަސްދޮށުގެ ނެގުމަށްވެސް އޭރުގެ ސަރުކާރުން މަސައްކަތްތަކެއް ކުރިކަމަށާއި އެ ހުރިހާ ކަމަކީވެސް، ރައީސް މައުމޫނުގެ ވިސްނުންފުޅަށް ނުފޫޒު ފޯރުވަން ކުރި މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މަޤާމުން ވަކިކުރައްވާފައިވާ ޕްރޮސެކިއުޓަރ ޖެނެރަލް އަކާއި ކޯޓެއްގެ ފަނޑިޔާރަކު ބޭނުންކޮށްގެން ރައީސް ޔާމީން ހައްޔަރުކުރައްވަން ކުރީގެ ރައީސް ނަޝީދު މަސައްކަތް ކުރިކަމަށާއި އެކަންކަމަކީވެސް ނުފޫޒު ފޯރުވަން ކުރި މަސައްކަތްތައްކަމަށް ރައީސް ވިދާޅުވިއެވެ.

"ކޯޓެއްގެ ލެޓަރހެޑް ފޯޖުކޮށްގެން، ރައީސް ޔާމީން ހައްޔަރުކުރަން އަމުރެއް ނެރުނީ. މަޤާމުގެ ނުފޫޒެއް ނޫންތޯ އެ ފޯރުވީ؟ އެވަރު ކަންތައް މިހިރީ ކޮށްފައި." ރައީސް ވިދާޅުވިއެވެ.

އެކެއް ފެބުރުވަރީގައި ނެރުނު އަމުރަކީވެސް، އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވައިގެން ނެރުނު އަމުރެއްކަމަށާއި، އެއަމުރަކީ ރައީސް ޔާމީން ނުފޫޒު ފޯރުވައިގެން ނެރުއްވި އަމުރެއްނަމަ، އެ އަމުރު އޮންނާނީ އެހެން ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.