ޚަބަރު

މާލޭގެ ފްލެޓްތަކުގެ މެއިންޓަނަންސް ބެލެހެއްޓުމަށް ޚާއްސަ އޮފީހެއް ޤާއިމްކުރަނީ


ސިނަމާލެއާއި، މާލޭހިޔާ އަދި ވިލިމާލެ ފްލެޓްތަކުގެ މެއިންޓަނަންސް މަސައްކަތްތަކާއި ސެކިއުރިޓީ ބެލެހެއްޓުމަށް އަންނަ ހަފްތާގެތޭގައި، އެކަމަށް ޚާއްސަ މެއިންޓަނަންސް އޮފީހަކާއި ސެކިއުރިޓީ އޮފީހެއް ޤާއިމުކުރުމަށް ނިންމައިފިއެވެ.

ހައުސިންގ މިނިސްޓްރީން މިކަން އިޢުލާންކުރެއްވީ، ފްލެޓްތަކުގެ ސެކިއުރިޓީގެ ކަންކަން ރަސްމީކޮށް ފުލުހުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުންނާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.

ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާޙިމް ވިދާޅުވީ ހައުސިންގ މިނިސްޓްރީއާއި މި މަސައްކަތްތައް ބެލެހެއްޓުން މިހާރު ޙަވާލުކޮށްފައިވާއިރު، އެތަނުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިވެފައިވާ މަސައްކަތްތައް ބަލައި، ރަނގަޅުކުރަން ހުރި ކަންކަން ތަފްސީލްކޮށް ބެލުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންނާއެކު ވެވުނު އެއްބަސްވުމަކީ ފްލެޓް މާހައުލުގެ ސެކިއުރިޓީ ކަންކަމުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ވެވުނު ތަފްސީލީ އެއްބަސްވުމެއްކަމަށެވެ. އެގޮތުން މި މަސައްކަތްކުރުމަށް މިހާރުވެސް ފުލުހުންގެތެރެއިން ޚާއްސަ ފޯހެއް އެކުލަވާލާ މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މުޙައްމަދު އިބްރާހީމް ވިދާޅުވީ ސީސީޓީވީ ކެމެރާ ހަރުކޮށްގެން ސެކިއުޓީ ބެލެހެއްޓުމާއި، އަދި ފުލުހުންނާއި، އިތުރު ވަސީލަތްތައް ބޭނުންކޮށްގެން ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިބަދަލާއެކު އެސަރަޙައްދަކީ ޢަމާން، ރައްޔިތުންނަށް ފަސޭހަކަމާއިއެކު ބޭރަށް ނިކުމެ އުޅެވޭނެ މާޙައުލަކަށް ވެގެންދާނެކަމަށްވެސް މުޙައްމަދު އިބްރާޙިމް ވިދާޅުވިއެވެ.

ކުރިން ސިޓީ ކައުންސިލްގެދަށުން ބަލަހައްޓަމުންގެންދިޔަ ފްލެޓްތައް ހައުސިންގ މިނިސްޓްރީގެ ދަށަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
މިގޮތަށް ބަދަލު ގެނައުމަށް ރައީސް ނިންމެވީ އެތަންތަނުގައި ދިރިއުޅެމުންދާ ފަރާތްތަކަށް، ސިޓީ ކައުންސިލުން އަޅާނުލައި އެފަރާތްތަކަށް ދިމާވާ މައްސަލަތަކުގައި އިހުމާލުވެފައިވާތީ އެކަންކަން އިސްލާޙްކޮށް ރައްޔިތުންނަށް ފަހި މާހަޢުލެއް ޤާއިމުކޮށްދިނުމަށެވެ.

ހައުސިން މިނިސްޓްރީއާއި ފްލެޓްތައް ޙަވާލުކުރިއިރު، ކުށުގެ ވެއްޓަކަށް އެ މާޙައުލުވުމާއި، ފަންގިފިލާތަކަށް ދިމާވެފައިވާ ފެންލީކުވުންފަދަ މައްސަލަތަކާއި، ކުނި މެނޭޖުކުރާނެ ނިޒާމެއް ނެތުމާއި، ލިފްޓްތަކަށް މައްސަލަ ދިމާވުމުގެ ގިނަ ޝަކުވާތަކެއް އެތަނުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ކޮށްފައެވެ. އެ ފަރާތްތަކުން ބުނެފައިވަނީ މި މައްސަލަތައް ސިޓީ ކައުންސިލަށް ތަކުރާރުކޮށް ހުށައަޅަމުންދިޔަ ނަމަވެސް އެކަމަށް ޙައްލު ލިބިފައި ނުވާކަމަށެވެ.