ޚަބަރު

ރިޟްވާން މަރާލާފައިވާކަމަށް ބުނެ، ރައީސް ނަޝީދު ހިނިފުޅުވަޑުވައިފި


މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ވަނީ މަރުވެފައިވާކަމަށް، ހިނިފުޅު ވަޑުވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވީޑިއޯއެއް ޢާއްމުވެއްޖެއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، އިނގިރޭސި ވިލާތަށް ވަޑައިގެން އެ ޤައުމުގައި ދިރިއުޅުއްވާ ކުރީގެ ރައީސް ނަޝީދު ރިޟްވާންގެ އާއިލާއާއިއެކު ކުރެއްވި ސްކައިޕް ކޯލެއްކަމަށް ބެލެވޭ ވީޑިއޯގައި އޭނާ ވިދާޅުވީ ރިޟްވާން މަރުވެފައިވާކަމަށެވެ.

މި ވީޑިއޯގައި ނަޝީދު ވިދާޅުވެފައިވަނީ ރިޟްވާން ފަދައިން މަރުވެފައިވާ، އަދި މަރާލެވިފައިވާ އެތައް ކުދިންނެއްވާ ކަމަށާއި ރިޟްވާން މަރުވެފައިވާ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރެއްގައި ރިޟްވާން ފަދައިން މަރުވެ ނުވަތަ މަރާލެވިފައިވާ ކުދިންނަށް އިންސާފު ހޯދައިދޭނެ އިންކުއަރީ ކޮމިޝަނެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ނަޝީދު ވަނީ ހިނިފުޅު ވަޑުވާފައެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނުގެ މަރުގެ މައްސަލައަށް އިންސާފް ހޯދައިދޭނެކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެ ހިނިފުޅުވަޑުވާފައިވާއިރު، ރިޟްވާނު ގެއްލުނު މައްސަލަ ސިޔާސީ ކަމެއްގެ ގޮތުގައި ހެދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާތީ އެކަން ސިޔާސީ ކަމެއްގެ ގޮތުގައި ނުހެދުމަށް ރިޟްވާނުގެ އާއިލާއިން ވަނީ ގޮވާލާފައެވެ.