ޚަބަރު

ރާއްޖެޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި


ރާއްޖެޓީވީން ޤައުމީ ސަލާމަތަށް ނުރައްވާފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރި މައްސަލައިގައި އެ ޓީވީ 2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމަކަށްފަހުއެވެ.

މިކަމާގުޅިގެން އެކޮމިޝަނުން ޢާއްމުކޮށްފައިވާ ބަޔާނުގައިވަނީ މިއީ، ރާއްޖެ ޓީވީން 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ޤައުމުގެ އަމަންއަމާންކަން ނަގާލައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ އެކޮމިޝަނުން ބަލާފައިވާ މައްސަލައެއްކަމަށެވެ.

މިމައްސަލަ ނިންމިގޮތް ހާމަކުރައްވަމުން އެބަޔާނުގައިވަނީ މި މައްސަލައާ ގުޅިގެން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ރާއްޖެ ޓީވީއަށް ޖަވާބުދާރިވުމަށް ފުރުޞަތު ދީފައިވާނެކަމަށެވެ.

އަދި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާ ރާއްޖެ ޓީވީން ޚިލާފުވާކަމަށް ބެލެވޭތީ ބަލާފައިވާ މި މައްސަލައިގައި ހިމެނޭ ރާއްޖެޓީވީން ބްރޯޑްކާސްޓްކުރި ކޮންޓެންޓް ޓްރާންސްކްރިޕްޓްއެއްގެ ގޮތުގައި ލިޔުމަށްފަހު، އޭގެތެރެއިން ޤާނޫނާ ޚިލާފުވާ ކޮންޓެންޓް ފާހަގަކޮށް، އަދި އެ ކޮންޓެންޓް ޚިލާފުވާކަމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ފާހަގަކުރެވިފައިވާ ޤާނޫނީ މާއްދާތަކާއި، ޤާނޫނާ ޚިލާފުވާކަމަށް ބެލެވޭ ސަބަބުތައްވެސް ބަޔާންކުރުމަށްފަހު، އެ މައްސަލައަށް ޖަވާބުދާރީވުމަށް ރާއްޖެޓީވީއަށް އެކަށީގެންވާ ފުރުސަތު ދީފައިވާކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

އެހެންކަމުން އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު (ޤައުމުގެ ސިޔާދަތަށް ނުވަތަ އިސްތިޤުލާލަށް ގެއްލުން ލިބޭނެ ފަދަ ޚިޔާލުފާޅުކުރުން) އަށް ރިޢާޔަތްކޮށް، މި މައްސަލައިގައި ހިމެނޭ ކޮންޓެންޓް އިސްވެ ދެންނެވުނު މާއްދާއާ ޚިލާފުވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.

އަދި، މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާއާ ރާއްޖެ ޓީވީން ޚިލާފުވާ ދެވަނަ ފަހަރު ކަމަށްވާތީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، މި އުސޫލުގެ 9 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ރާއްޖެ ޓީވީ 750,000ރ (ހަތް ސަތޭކަ ފަންސާސް ހާސް ރުފިޔާ) އިން ޖޫރިމަނާކުރުމަށް އެބަޔާނުގައި ވެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ނިސްބަތްކޮށް އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ އަބުރާބެހުމުގެ ޢަމަލެއް، އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީއާއި އެކޮންޓެންޓަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަދި އެމާއްދާގެ (ބ) ގެ އިމުގެ ތެރެއިން ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަން ރާއްޖެ ޓީވީއަށް ސާބިތުކޮށްދެވިފައިނުވާތީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަދި އެމާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ކޮންޓެންޓް އިސްވެ ދެންނެވުނު މާއްދާއާ ޚިލާފުވާ ކަމަށް ކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވާ ކަމަށް ކަނޑައަޅާކަމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

މިއީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ (1) އަދި އެމާއްދާގެ (ބ) އާ ރާއްޖެ ޓީވީން ޚިލާފުވާ ތިން ވަނަ ފަހަރު ކަމަށްވާތީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، މި އުސޫލުގެ 10 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ރާއްޖެ ޓީވީ 1,250,000ރ (އެއް މިލިއަން ދުއިސައްތަ ފަންސާސް ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށާއި މިޖޫރިމަނާ ފައިސާއަށްވާ އެކުޖުމްލަ 2,000,000ރ (ދެ މިލިއަން ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ރާއްޖެ ޓީވީއަށް އެންގުމަށް މި މައްސަލަ ބެލި އެކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.