ޚަބަރު

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިތުރު ބޭފުޅަކު ފޯމް ލައިފި


ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އިތުުރު ބޭފުޅަކު ފޯމް ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ދަފްތަރު ނަމްބަރު 6562، ޙުސެއިން ނަޞީރު ވާދަކުރުމަށް ހުށަހެޅި ފޯމް އެކޮމިޝަނަށް ބަލައިގެންފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ފޯމް ހުށަހެޅި ޙުސެއިން ނަޞީރުގެ ރަނިންގމޭޓެއްގެ ގޮތުގައި ހުށައަޅާފައިވަނީ ޝައިޚް ނަސްރުﷲ މުސްތަފާކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހުށައެޅި ފަރާތުގެ ކެނޑިޑެސީ ބަލައިގަތުމާމެދު 48 ގަޑިއިރުގެތެރޭގައި ގޮތެއް ނިންމައި އެފަރާތަށް އަންގާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ޙުސެއިން ނަޞީރަކީ އިންތިޚާބުގައި ވާދަކުރާނެކަން ކުރިން އިޢުލާންކޮށްފައިވާ ބޭފުޅެއް ނޫނެވެ. ޙުސެއިން ނަޞީރުގެ އިތުރުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމް ހުށަހަޅާފައިވަނީ އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިހެވެ. އޭނާގެ ކެނޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެއެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަޞީރާއި، އެލް.ޖީ.އޭގެ ކުރީގެ ނާއިބުރައީސް ޝުޖާޢު ޙުސެއިންވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވެއެވެ.