ކުޅިވަރު

ބާންލޭ އަށް ބަދަލުވި ކީޕަރު ޖޯހާޓަށް ސިޓީން ތައުރީފްކޮށްފި


ކޯޗު ޕެޕް ގާޑިއޯލާ ބޭނުން ނެތުމުން ބާންލޭއަށް ބަދަލުވި އިނގިރޭސި ކީޕަރު ޖޯހާތަށް މެންޗެސްޓާ ސިޓީން ތައުރީފްކޮށްފިއެވެ.
ސިޓީގެ ވެރިޔާ ހަލްދޫން އަލް މުބާރަކް ވިދާޅުވީ "ހާޓް ސިޓީއަށް ކޮށްދީފައިވާ ހިދުމަތް ފޮހެވިނުދާނެ،" ކަމަށެވެ.

"އޭނާގެ 12 އަހަރު ތެރޭގައި ވަނީ ހަނދާނުން ފޮހެނުލެވޭނެ ސޭވްތަކެއްކޮށްފައި. އޭނާ ހުއްޓުވި ބޯޅަތައް ދިގު ޒަމާންތަކެއް ވަންދެން ހަނދާން ހުންނާނެ. އޭނާގެ ކޮމިޓްމަންޓާއި ކުލަބަށް ދީފައިވާ އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރެވޭ. އޭނާ ކުޅުނު 348 މެޗުން އޭނާ އަކީ މިކުލަބުގެ ލެޖެންޑެއްގެ ދަރަޖަ ލިބިފައިވާ ކުޅުންތެރިއެއްކަން ބުނެދޭ،" މުބާރިކްގެ މެސެޖުގައި ބުނެފައިވެއެވެ.

ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީވެސް އެކުލަބުގައި ދެ ފަހަރު އިނގިރޭސި ލީގު ކާމިޔާބުކުރި ހާޓަށް ވަނީ ތައުރީފްކޮށްފައެވެ.

"އޭނާ ސްރޫބެރީން ސިޓީ އަށް އައީ ކުޑަކުއްޖެއްގެ ގޮތުގައި. މިއަދު އެދަނީ ކުލަބުގެ ލެޖެންޑެއްގެ ގޮތުގައި،" ކޮމްޕެނީ ބުންޏެވެ.

އިނގިރޭސި ކުރީގެ ޤައުމީ ކީޕަރު އުމުރުން މިހާރު 31 އަހަރުގެ ހާޓް ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ކުރިއަށް އޮތް ސީޒަނާއެކު ހަމަވާނެއެވެ. މިހެންވުމާއެކު އޭނާ ބާންލޭ އަށް ސޮއިކުރީ ދެ އަހަރު ދުވަހަށެވެ. ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން ހާޓަށް ޓީމުން ޖާގައެއް ނުލިބެއެވެ. މިހެންވެ މިދިޔަ ދެ ސީޒަނުގައި އޭނާ ކުޅުނީ ލޯނު އުސޫލުން އެހެން ކުލަބުތަކަށެވެ. އެންމެ ފުރަތަމަ އަހަރު އިޓަލީގެ ޓޯރިނޯ އަށެވެ. ދެ ވަނަ އަހަރު ވެސްޓްހޭމަށެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ފޯމު ދަށްވެ މި އަހަރުގެ ވަރލްޑް ކަޕަށް ދިޔަ އިނގިރޭސި ޓީމުން ވެސް ހާޓަށް ވަނީ ޖާގަ ގެއްލިފައެވެ. ބާންލޭގައި އޭނާއާ ވަދަކުރަން ހުރި ނިކް ޕޯޕަކީ ހާޓްގެ ބަދަލުގައި ވަރލްޑް ކަޕް ޓީމުން ޖާގަ ހޯދި އެއް ކީޕަރެވެ. ބާންލޭގައި ހާޓާ ވާދަ ކުރުމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކީޕަރު އަންދްރެސް ލިންޑެގާޑާއި އިނގިރޭސި ކީޕަރު ޓޮމް ހީޓްސަން ވެސް އެބަހުއްޓެވެ. ނަމަވެސް މިހާރުގެ އެއްވަނަ ކީޕަރު ހީޓްސަންއަށް އަނިޔާވެފައިވާތީ ސީޒަން ފަށާނީ އެއްވަނަ ކީޕަރަކަށް ލާޓް ލައިގެން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.