ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ހޯދުމަށް ފުލުހުންނަށް އެންމެ ބޮޑަށް ބާރުއެޅުއްވީ ރައީސް ޢަބްދުﷲ ޔާމީން ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސެއިން ވަޙީދު ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސެއިން ވަޙީދު ވިދާޅުވީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ގެއްލުނުކަމުގެ މަޢުލޫމާތު ލިބުނު ހިސާބުން ފެށިގެން އެ މައްސަލަ ތަޙްޤީޤް ކުރުމަށް ޚާއްސަ ތަޙްޤީޤް ޓީމެއް ފުލުހުންގެ ތެރޭގައި އެކުލަވާލި ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޓީމުގައި ހިމަނާފައިވާނީ ފުލުހުންގެ ތެރޭގައި ތިބި އެކަމަށް އެންމެ ޤާބިލު ފުލުހުން ކަމަށާއި އެ ޓީމުން ރިޟުވާން ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރި ކަމަށާއި، އެ މައްސަލައިގެ ތަޙްޤީޤަށް ސަރުކާރުގެ ތެރެއިން ހޯދަން ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި ރައީސް ޔާމީން ފަސޭހަ ގޮތްތަކެއް ހަމަޖެއްސެވި ކަމަށެވެ. ހަމައެއާއެކު އެ މައްސަލައިގެ ތަޙްޤީޤް ލަސްކޮށް އެކަމުގައި ކުރަންޖެހޭ އެއްވެސް ކަމެއް ދޫކޮށްލުމަށް ރައީސް ޔާމީން އަންގަވާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
""އަބަދުވެސް ރައީސް ޔާމީން އިރުޝާދު ދެއްވީ ބޮޑެތި މައްސަލަތައް ތަޙްޤީޤް ކުރުމުގެ ސްޕީޑް އަވަސްކޮށް، މައްސަލަތަކުގެ އަސްލު ހޯދުމަށް"ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސެއިން ވަޙީދު
ރިޟުވާން ގެއްލުނު މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، ރިޟުވާން ގެއްލުނު މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި އެ މައްސަލަ ސިޔާސީ ނުކުރުމަށް ހުސައިން ވަހީދު ވަނީ ގޮވާލައްވާފައެވެ.