ޚަބަރު

ކުންފުނިތަކުގެ "ފިޔަ ކޮށާލަން" މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެއް - ރައީސް


ދިވެހި ރައްޔިތުންނާއި ގުޅުންހުރި ދަޢުލަތުގެ ބައެއް ކުންފުނިތައް ވިއްކާލާނެ ކަމަށް ދޭހަވާ ގޮތަކަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަކީ ކަންބޮޑުވާންޖެހޭ، ނުރައްކާތެރި ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ގދ. ގައްދޫ ރައްޔިތުންނާ ބައްދަލުކުރައްައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބިއްޖެ ނަމަ ދިވެހި ރައްޔިތުން އަނެއްކާވެސް ބިކަވެގެން ހިނގައިދާނެ ކަމުގެ ބިރު އެމަނިކުފާނުގެ އެބައޮތް ކަމަށެވެ. މީގެކުރިން ކަންތައްތައް ވެގެންދިޔަ ގޮތް ދިވެހި ރައްޔިތުން ހަނދާން ކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތައް ދަރަނިވެރި ކުރުވާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުންފުނިތައް އަމިއްލަ ފައިމައްޗަށް ތެދުވަން އެތައް ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެސްޓީއޯ އަކީ މިއަދު ފައިދާވާ ކުންފުންޏެއް ކަމަށާއި އެސްޓީއޯގެ އެހީތެރިކަމާއި އެކު ދަޢުލަތުގެ އެހެން ކުންފުނިތައް ހިންގަމުން އަންނަ ކަމަށެވެ.

"އެސްޓީއޯއިން ފެނަކައަށް މިހާރުވެސް އަންނަނީ ތެޔޮ ދޫކުރަމުން. ކްރެޑިޓަށް. މިހާރުވެސް ތިބޭފުޅުން ބައްލަވާ އެސްޓީއޯއަށް ފެނަކައަށް ދޭންޖެހޭ އުޅޭނެ ގާތްގަނޑަކަށް 500 މިލިއަނެއްހާ ރުފިޔާ. އަޅުގަނޑުގެ ހިސާބު ފަހަރުގައި ސީދާ ދިމާނުވެދާނެ. އެކަމަކުވެސް ގާތްގަނޑަކަށް 500 މިލިއަނެއްހާ ރުފިޔާ އުޅޭނެ. މި ފައިސާ ދަޢުލަތަށް ނުވަތަ ފިނޭންސް މިނިސްޓްރީން އެސްޓީއޯއަށް ދައްކާނެ ޤާބިލް ކަމެއް މިވަގުތަކު ނެތް. ދެން އެސްޓީއޯ ފަދަ ކުންފުންޏެއްގެ ފިޔަ ކޮށާލީމަ ކިހިނެއްތޯ ވާނީ. ވިސްނާލައްވާ،"

ރައީސް ޔާމީން ވިދާޅުވީ އެންމެ ފަސޭހަ ކަމަކަށްވާނީ ބަޔކު އާރާސްތުކޮށްފައި ހުންނަ ކަންކަން ނެތިކޮށްލުން ކަމަށެވެ. ރާއްޖޭގައި މިއަދު ގިނަ ވަޒީފާތައް އުފައްދައި ދެނީވެސް ކުންފުނިތަކުގެ ތެރެއިން ކަމަށާއި އެހެންކަމުން ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ވޯޓުލާންދާއިރު ދިވެހި ރައްޔިތުން މިފަދަ ކަންކަމާ ވިސްނަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ފިކުރުތަކަކީ މިހާރު ތަޣައްޔަރުވެފައިވާ ފިކުރުތަކެއް ކަމަށެވެ. އަދި ސިޔާސީ ލީޑަރުންގެ ޙާލަތު މިއަށްވުރެ ގޯސް ކަމަށް ރައީސް ވިދާޅުވިއެވެ.