ޚަބަރު

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢުގެ ފޯމު ދޫކުރަން ފަށައިފި


ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢުގެ ދަށުން، ފްލެޓާއި، ގޯއްޗަށް އެދުމުގެ ފުރުޞަތު ހައުސިންގ މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދުމުގެ ފުރުޞަތު 7 އޮގަސްޓް އިން ފެށިގެން 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 31 ވަނަދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މިމަޝްރޫޢުގެ ދަށުން ދޫކުރާ ފޯމް ހައުސިންގ މިނިސްޓްރީގެ ވެބްސައިޓުންނާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހެޑް އޮފީހުންނާއި، ވެލާނާގެ ޕޯސްޓް ޝޮޕުން ލިބެން ހުންނާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހިޔާ އެކްސްޕޯއިން 15 އޯގަސްޓް 2018 އިން 31 ޖެނުއަރީ 2019 ގެ ނިޔަލަށް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
މިމަޝްރޫޢުގެ ދަށުން ކ،ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ވިލިމާލޭ ފޭސް 2ގައި އެއްހާސް އަކަ ފޫޓުގެ ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކ.ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީކުރާ ބިމުން އެއްހާސް އަކަ ފޫޓުގެ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން އަށްޑިހަ ދެހާސް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އުމުރުން 18 އަހަރު ފުރިފައިވާ، 1000 އަކަފޫޓު ގޯއްޗެއް ނުވަތަ ބިމެއް އަމިއްލަ ނަމުގައި ނުވަތަ ވާރުތަ މުދަލުގެ ތެރޭގައިވެސް ބިމެއް ނުވަތަ ގޯއްޗެއް ނުހިމެނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި މަޝްރޫޢުގެ ދަށުން ފޯމް ހުށައެޅޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ގުޅީފަޅުން 230 ހެކްޓަރު އަދި މާލޭ ކައިރީގައި އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ހިމެނޭހެން ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރުން ކުރިއަށް މިގެންދާ ބިޔަ މަޝްރޫޢާއެކު 2030 ވަނަ އަހަރު އަންނައިރު ބޯހިޔާވަހިކަން ކަށަވަރު ނުވާ 18 އަހަރުން މަތީގެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެކަމަށް ސަރުކާރުން ބުނެއެވެ. މަޝްރޫޢު ނިމިގެންދާއިރު، މާލޭގެ ތޮށްޖެހުން އެތައް ގުނައެއް ކުޑަވެ، އިޤްތިޞާދީ ގޮތުންނާއި، ތަރައްޤީގެ ރޮނގުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.