ޚަބަރު

އިދިކޮޅު ކެނޑިޑޭޓު "ރަށްވެހި ތަރައްޤީ" ފޮތް ކިޔާލުން މުހިއްމު- މިނިސްޓަރ ޠާރިޤު


ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރަށްރަށަށް ވަޑައިގަތުމުގެ ކުރިން މިސަރުކާރުން ނެރެފައިވާ "ރަށްވެހި ތަރައްޤީ" ފޮތް ބައްލައި ދިރާސާ ކުރެއްވުމަށް، އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ގޮވާލައްވައިފިއެވެ.
މިނިސްޓަރ ޠާރިޤު މިގޮތަށް ގޮވާލެއްވީ އިދިކޮޅު ކެނޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙް ތ.ވޭމަންޑޫއަށް ވަޑައިގެން ކެމްޕެއިން ކުރެއްވިގޮތުން ދެއްކެވި ވާހަކަފުޅުގެތެރޭގައި، އިދިކޮޅު ފަރާތްތަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައިވަނިކޮށެވެ. އިދިކޮޅު ކެނޑިޑޭޓް މިހެން ވިދާޅުވިއިރު، ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރެވެއެވެ.
މިމައްސަލާގައި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާއި، ޢާއްމުރައްޔިތުންގެ ފާޑުކިއުންތައް އިދިކޮޅު ކެނޑިޑޭޓަށް އަމާޒުވެފައިވާއިރު، ބައެއް ފަރާތްތަކުންދަނީ ވޭމަންޑޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރިއަށްދާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ޢާއްމުކޮށް އިދިކޮޅު ފަރާތްތަކަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.

އެންވަޔަރެންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ކުރެއްވި ޓްވީޓު

އެންވަޔަރެންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ކުރެއްވި ޓްވީޓްގައިވެސް ވަނީ ވޭމަންޑޫ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެންނަ ފޮޓޯތަކާއެކު، އިދިކޮޅު ފަރާތްތަކަށް އިލްތިމާސެއް ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވެފައި ވަނީ ތ.ވޭމަންޑޫގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ރައީސް ޔާމީންގެ ސަރުކާރުން މިހާރު އެގެންދަނީ ކުރަމުންކަމަށާ، އިދިކޮޅު ކެނޑިޑޭޓު ރައްރަށަށް ވަޑައިގަންނަވާއިރު، މިސަރުކާރުން އެރަށްރަށުގެ ތަރައްޤީއަށް ކުރައްވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުންފިލުވުން މުހިންމުކަމަށެވެ. އަދި އެގޮތުން ރަށްވެހި ޑޮޓް އެމްވީއަށް ޒިޔާރަތްކުރައްވައި އެމަޢުލޫމާތު ވަރަށް ފަސޭހައިން ލިބިވަޑައިގަންނަވާނެކަން މިނިސްޓަރ ޠާރިޤް ފާހަގަކުރައްވާފައިވެއެވެ.
މިހާރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރައްވަމުންދާ އިދިކޮޅު ކެނޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙު މިހާތަނަށް އޭނާގެ ރިޔާސީ ވަޢުދުތަކެއް، ސިޔާސަތެއް، ޕްލޭނެއް ޙާމަކުރައްވާފައިނުވާކަމުގެ ޝަކުވާ އިދިކޮޅު ޕާޓީތަކުގެ ޢާއްމުމެމްބަރުންވެސް ދަނީ ކުރަމުންނެވެ. އަދި ރައީސް ޔާމީން ވެވަޑައިގެންފައިވާ ބައެއް ވަޢުދުތައް ކޮޕީކުރައްވައިގެން މާފަހުން އިދިކޮޅު ކެނޑިޑޭޓު އެވާހަކަތައް ދައްކަވާކަމުގެ ކަންބޮޑުވުން ވެރިކަންކުރާ މައިޕާޓީ ޕީޕީއެމްވެސް ދަނީ ފާޅު ކުރަމުންނެވެ.