ޚަބަރު

ރީ-ރަޖިސްޓްރީކުރުމަށް 37 ހާސް ފޯމު ހުށަހަޅައިފި


މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރީ-ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 37 ހާހަށްވުރެ ގިނަ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް، ރީ-ރަޖިސްޓަރ ކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. ރީ-ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އެ ފުރުޞަތު ހުޅުވާލާފައިވާއިރު، ފޯމާއެކު އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންޖެހެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ރީ-ރަޖިސްޓްރޭޝަންގެ މަސައްކަތްތައް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާކަމަށާއި، ޢާއްމުންގެ ފަރާތުން ބޮޑު ތަރުޚީބެއް މިކަމަށް ލިބެމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް 37 ހާހަށްވުރެ ގިނަ ފޯމް އެކޮމިޝަނަށް ހުށައަޅާފައިވާކަމަށާއި، ކައުންސިލްތަކުންނާއި، ރާއްޖޭން ބޭރުގެ ކޮންސިއުލޭޓްތައް މެދުވެރިކޮށް އަދިވެސް އިތުރު ފޯމްތައް އެކޮމިޝަނަށް ލިބެމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނަށް ރީ-ރަޖިސްޓަރވުމަށްޓަކާ ވަކިވަކިން ހުށައަޅާ ފޯމްތަކަށް، ވަގުތުން ވަގުތަށް ސްލިޕްކޮޅު ދޫކުރަމުންދާކަމަށާއި، ސިޔާސީ ޕާޓީތަކާއި އެހެނިހެން ވުޒާރާތަކުން އެއްފަހަރާ ގިނަ ޢަދަދެއްގެ ފޯމްތައް ހުށަހެޅުމުނެވެސް 24 ގަޑިއިރު ތެރޭގައި ސްލިޕްކޮޅު ލިބޭނެ ކަމަށެވެ.

ރީ-ރަޖިސްޓްރީކުރުމަށް ބާކީ އޮތީ އެންމެ 5 ދުވަހެވެ. އެހެންކަމުން ރީ-ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކުން އެންމެ ފަހުވަގުތާ ޖެހެންދެން މަޑުނުކުރައްވާ، ފޯމް ހުށައެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. ރީ-ރަޖިސްޓްރީ ކުރުމަށް ފޯމު ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެންދުރުފަހު 03:00 އަށެވެ. މީގެ އިތުރުން ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 03:00 އިން ހަވީރު 05:00 އަށެވެ.

ރީ-ރަޖިސްޓްރީ ވުމަށް ފޯމް ހުށަހަޅަންޖެހޭނީ މާލޭގައިނަމަ، ބާޖަމާލުއްދީންގައި ހުންނަ އިންތިޚާބީ މަރުކަޒަށާއި، އަތޮޅުތަކުގައި ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ނަމަ ސިޓީ ކައުންސިލް އިދާރާއަށެވެ. އަދި ހުޅުމާލޭގައިނަމަ ހުޅުމާލޭ ޔޫތު ސެންޓަރުގެ އެއްވަނަ ފަންގިފިލާއިން އަދި ވިލިމާލޭ ފެރީ ޓާމިނަލްގައި ޤާއިމުކޮށްފައިވާ މޯބައިލް ސްޓޭޝަނުންވެސް ރީރަޖިސްޓްރީ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަން މިދިޔަ ޖޫންމަހު އާއްމުކޮށްފައިވާ ވޯޓަރސް ލިސްޓު ދައްކާގޮތުން އަންނަ ރިޔާސީ އިންތިޚާބުގައި ދެލައްކަ ފަސްދޮޅަސް ތިންހާސް ސަތޭކަ އަށްޑިހަ އެއް މީހުންނަށް ވޯޓު ލުމުގެ ހައްޤުވަނީ ލިބިފައެވެ.