ޚަބަރު

ލޮމްބަކަށް އައި ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 82 އަށް



އިންޑޮނޭޝިޔާގެ ރިޒޯޓެއް ކަމަށްވާ ލޮމްބަކްއަށް އާދިއްތަ ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހިނގި އެކި އެކި ޙާދިސާތަކުގައި އަށްޑިހަ ދެ މީހުން މަރުވެއްޖެއެވެ. މި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 7ގެ ބާރުގަދަ ބިންހެލުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލޮމްބަކަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ ބިރުހީވެގެން އިންޑޮނޭޝިޔާގެ ކަމާ ބެހޭ ފަރާތްތަކުން މިފަދަ އިންޒާރެއްނެރެ، އެ ސަރަޙައްދު ތައްޔާރީ ޙާލަތަށް ގެނައެވެ. އެހެންނަމަވެސް މި ބިންހެލުމަށް ފަހު ސުނާމީއެއް އުފެދިފައިނުވާތީ، އިންޑޮނޭޝިޔާގެ އޮފިޝަލުން މިހާރު ވަނީ އެ ހާލަތު އުވާލާފައެވެ. މި ޙާދިސާގައި މަރުވި މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓްތައް ބުނާއިރު، ގިނަ މީހުން މަރުވެފައިވަނީ ބިންހެލުމުގެ ސަބަބުން އިމާރާތްތައް ވެއްޓި އެ ތަންތަނުގެ ދަށުގައި ތާށިވުމުގެ ސަބަބުންނެވެ.

އިންޑޮނޭޝިޔާގެ ލޮމްބަކަށް ޖުލައި މަހުގެ 29 ވަނަ ދުވަހުގެ ވެސް ބާރުގަދަ ބިންހެލުމެއް އައެވެ. ރިކްޓަރ މިންގަނޑުން 6.4ގެ ބާރުމިނުގައި އައި އެ ބިންހެލުމުގެ ސަބަބުން 17 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމުވިއެވެ. މިދިޔަ ހަފުތާގައި އެ ޤައުމަށް އައި ބިންހެލުމަށްފަހު އެ ސަރަޙައްދަށް ވަނީ ސަތޭކައަށްވުރެ ގިނަ ލޮޅުން އައިސްފައެވެ.