ޚަބަރު

ރާއްޖޭގެ އެއްވެސް ރައްޔިތަކާމެދު އީޔޫއިން ފިޔަވަޅު އެޅިޔަކަ ނުދޭނަން- ޝައިނީ


ރާއްޖޭގެ އެއްވެސް ރައްޔިތަކާމެދު ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ފިޔަވަޅު އެޅިޔަ ނުދޭން ސަރުކާރުގެ ފަރާތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނޭކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ އިސް މަންދޫބު، މިނިސްޓަރ ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫއިން ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ނިންމާފައިވާ މީހުންގެ ލިސްޓުގައި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ހިމަނާނެކަމަށް ބުނެ، އެފަރާތްތަކަށް ބިރުދައްކައިގެން، ފައިސާ ހޯދަން މަސައްކަތް ކުރާކަމަށެވެ. އެހެންނަމަވެސް އީޔޫއިން ފާސްކުރި އޮނިގަނޑުގައި އެއްވެސް ފަރާތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިނުވާއިރު، ފިޔަވަޅު އަޅާނެ ފަރާތްތަކުގެ ލިސްޓެއްވެސް އެކުލަވާލާފައިނުވާކަމަށެވެ.
ނަމަވެސް މިއީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އުޅޭ ބަޔަކު ކުރާ މަސައްކަތެއްކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. އަދި އީޔޫއިން ނެރުނު ބަޔާން ރަނގަޅަށް ކިޔާލުމުން އެކަން ހާމަވާނެކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.
އީޔޫއިން ރާއްޖެއާމެދު ފިޔަވަޅު އަޅަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތަފާތު ވާހަކަދައްކަމުން ދިޔަނަމަވެސް، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ. ސިޔާސީ މަސްޜަހުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށުމަށް ބޭރުގެ ފަރާތްތަކުން ގޮވާލިނަމަވެސް ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުންނެވެ.