ވިޔަފާރި

އެސްއެމްއީއަށް ޚާއްސަކޮށްގެން މިހާތަނަށް 600 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވޭ


ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ދެމުންދާ ތަފާތު ލޯން ސްކީމްތަކުގެ ތެރެއިން މިހާތަނަށް 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ސަރުކާރުން ދޫކޮށްފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ތަޢާރަފުކުރި "ފަސޭހަ މަދަދު ފޭސް 2" އާއި "އިނޮވޭޓިވް ފައިނޭންސް ސްކީމް" ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމުގައި މި ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާއިރު، އެކަންކަމުގެ ފައިދާ އެންމެ ބޮޑަށް ކޮށްފައިވާ ފަރާތްތަކަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައްކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު ތަފާތު އެކި ދާއިރާތަކަށް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޒުވާން ވިޔަފާރިވެރިން އުފެއްދުމުގައި އެހެން އެއްވެސް ސަރުކާރަކުން ޚަރަދުކޮށްފައިނުވާ ވަރަށް ރައީސް ޔާމީންގެ ސަރުކާރުން ޙަރަދުކޮށްފައިވާކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

އެގޮތުން އެސް.އެމް.އީ ވިޔަފާރިތަކަށް ޚާއްސަކޮށްގެން މިހާތަނަށް މި ސަރުކާރުން 600 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށާއި، އޭ.ބީ.ޑީއާއި އައި.ޑީ.ބީ ފަދަ ބޮޑެތި ބޭންކުތަކުގެ އެހީގައި ތަފާތު ލޯން ސްކީމްތައް މި ސަރުކާރުން ހިންގާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ތަފާތު ނަންނަމުގައި ކުދި ވިޔަފާރިތައް ތަރައްޤީކުރުމަށް މިހާތަނަށް ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ތަފާތު ޕްރޮޑަކްޓްސް މާކެޓަށް ނެރެވިފައިވާނެ. މިއީ ދިވެހި ތާރީޚުގައި މިއިން ޒަމާނެއްގައިވެސް ކުދި ވިޔަފާރިތަކުގެ ތަރައްޤީއަށް އެއްވެސް ސަރުކާރަކުން ނުވަތަ އެއްވެސް ރައީސަކު، އެ ރައީސެއްގެ ނިންމެވުމުން ކުދި ވިޔަފާރިތަކަށް، ޒުވާނުން ވިޔަފާރިއަށް ނެރުމަށްޓަކާ، ނުވަތަ އަލަށް ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ވިޔަފާރިއަށް ނެރުމަށްޓަކާ ނުގެނެވޭވަރުގެ ބޮޑު ފަންޑެއް"

މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ދުޅަހެޔޮ އިޤްތިޞާދަށް ހެދުމުގައި މިސަރުކާރުން އެޅުއްވި އެންމެ ހަރުދަނާ އެއް ފިޔަވަޅަކީ ދިވެހިންނަށް ޚާއްސަ ދާއިރާތަކެއް ކަނޑައަޅައި، އެދާއިރާތަކުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭގޮތް ހެދުންކަމަށެވެ. އެގޮތުން ރާއްޖޭގައި ފޮޓޯގްރަފީގެ ދާއިރާއާއި، ވޯޓަރ ސްޕޯޓްސް، އަދި އިވެންޓް މެނޭޖްމަންޓާއި، އެންޓަޓައިމަންޓް ޕްރޮޑަކްޝަން ފަދަ ދާއިރާތަކަކީ ހަމައެކަނި ދިވެހިންނަށް ހަރަކާތްތެރިވެވޭ ދާއިރާތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރައީސް ޔާމީން ނިންމަވާފައި މިވަނީ، ދިވެހިންނަށް ކުރެވޭ ޒާތުގެ ހުރިހާ ވަޒީފާއަކީ ދިވެހިން ޝާމިލުވާ ވަޒީފާތަކަކަށް ހެއްދެވުމަށް. ދިވެހިން ނުލިބިއްޖެ ހާލަތެއްގައި ބިދޭސީން ގެނެސްގެން މަސައްކަތް މިކުރަނީ. އެއީ މި ސަރުކާރުގެ ސިޔާސަތަކީ. މިސާލަކަށް ފޮޓޯގްރަފީ، އެންޓަޓައިންމަންޓް ދާއިރާއާއި އިވެންޓް މެނޭޖްމަންޓަކީވެސް މީގެ 2 މަހެއް ކުރިން ސަރުކާރުން މިވަނީ ނިންމަވާފައި އެއީ ހަމައެކަނި ދިވެހި ވިޔަފާރިތަކަށް ހަރަކާތްތެރިވެވޭނެ ދާއިރާތަކެއް ކަމަށް ކަނޑައަޅުއްވާފައި"

މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރި ކުރުވާ، ތަފާތު ދާއިރާތަކުން ޒުވާނުންނަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދެއްވުމަކީ ރައީސް ޔާމީންގެ އެންމެ މުހިއްމު އެއް ސިޔާސަތެވެ. އެގޮތުން އެސް.އެމް.އީ ލޯން ޕްރޮގްރާމާއި، ގެޓްސެޓް ފަދަ ޕޮރޮގްރާމްތަކާއެކު، ކާމިޔާބު ޒުވާން ވިޔަފާރިވެރިންތަކެއް ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ނުކުމެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.