ޚަބަރު

104 ދިރާސާއާ އެކު އެމްއެންޔޫގެ ތެވެލި ކޮންފަރެންސް މިމަހު ބާއްވަނީ


104 ދިރާސާއާ އެކު މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އެމްއެންޔޫއިން ބާއްވާ ބައިނަލްއަޤުވާމީ ތެވެލި ކޮންފަރެންސް މިމަހު ބާއްވަން އެ ޔުނިވަރސިޓީން ތައްޔާރުވެއްޖެއެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ބާރަ އަދި ތޭރަވަނަ ދުވަހުއެވެ.

އެމްއެންޔޫގެ ތެވެލި ކޮންފަރެންސްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑީން އޮފް ރިސަރޗް ޑރ. ރަޙީމާ ޢަބްދުލްރަޙީމް ވިދާޅުވީ މިދިޔަ އަހަރުގެ ކޮންފަރެންސްއަށްވުރެ ހުރިހާ ގޮތަކުންވެސް މިއަހަރުގެ ކޮންފަރެންސް ފުރިހަމަވެގެންދާނެކަމަށެވެ. ޑރ. ރަޙީމާ ވިދާޅުވީ މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ ކޮންފަރެންސްގައި އޮސްޓްރޭލީއާއި ނިއުޒިލެންޑާއި މެލޭޝިއާގެ ޚާއްސަ ކީނޯޓް ސްޕީކަރުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާކަމަށެވެ. ރަޙީމާ ވިދާޅުވީ މިކޮންފަރެންސްގައި ތަފާތު އެކި ދާއިރާތަކުން ދިރާސާ ކަރުދާސްތައް ހުށައަޅާ އެކި މަޢުޟޫތަކާއި ގުޅޭ މަޢުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

"ފުދޭވަރަކަށް ގިނަ ޕޭޕަރުތައް ހުށައަޅައިގެން މޯލްޑިވްސް ނޭޝަނަލް ޖަރނަލް އޮފް ރިސަރޗްގައި ޕަބްލިޝްކުރެވިފައިވޭ. މިއަހަރުގެ ކޮންފަރެންސްގައި މިޖަރނަލް ނެރޭއިރު ކޮންމެ ބޭފުޅަކަށްވެސް މީގެ ކޮޕީއެއް ލިބޭނެ. އަދި އެމްއެންޔޫގެ ވެބްސައިޓުން މިދިރާސާތައް ލިބެން ހުންނާނެ ދިރާސާކުރާ ފަރާތްތަކަށް ލިބޭނެގޮތަށް." ރަޙީމާ ވިދާޅުވިއެވެ.

މިއަހަރުގެ ކޮންފަރެންސްގައިވެސް ބޭރުގެ އެކި ޤައުމުތަކުން ބައިވެރިވާއިރު ޤައުމީ ޔުނިވަރސިޓީން ބުނީ މިދިޔައަހަރަށްވުރެ ގިނަ ޤައުމުތަކުން މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވާކަމަށެވެ. އެގޮތުން އިންޑިއާއާއި ޕާކިސްތާނާއި ބަންގްލަދޭޝާއި ސްރީލަންކާއާއި އޮމާނާއި ޤަތަރުގެ އިތުރުން ނިއުޒިލެންޑާއި މެލެޝީއާއިންވެސް މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވާނެވެ.

ތެވެލި ކޮންފަރެންސްގެ ދިރާސާތަށް އަޑުއެހުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލާފައިވާއިރު ދިރާސާތަށް އަޑުއެހުމަށް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ޖެހެނީ ރަޖިސްޓަރކުރަންށެވެ. މިއަހަރުގެ ކޮންފަރެންސްއަކީ އެމްއެންޔޫއިން ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސެވެ. މިދިޔަ އަހަރުވެސް ވަނީ މިފަދަ ކޮންފަރެންސެއް ބާއްވާފައެވެ.

ރާއްޖޭގައި ދިރާސާ ކުރުމުގެ މާޙައުލެއް ޤާއިމްކޮށް ދިވެހިން ދިރާސާއަށް އަހުލުވެރިކުރުވުމަށް ޤައުމީ ޔުނިވަރސިޓީން ފަށާފައިވާ މަސައްކަތުގައި އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އެޔުނިވަރސިޓީން އިންތިޒާމުކުރާ ތެވެލި ކޮންފަރެންސަށް މިއަހަރުވެސް ސަތޭކައަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހަޅާފައިވާއިރު މިދިޔަ އަހަރު ބޭއްވި ކޮންފަރެސްގައި ހުށަހަޅާފައި ވަނީ ފަސްދޮޅަސް ދިރާސާ ކަރުދާހެވެ.