ޚަބަރު

ކުޑަކުދިންނަށް ޚާއްސަ ޓީވީޗެނަލެއް ޕީ.އެސް.އެމުން ގެނެސްދެނީ


"ޓީ.ވީ.އެމް ކިޑްސް"ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ޓީވީ ޗެނަލެއް ކުރިއަށްއޮތް ދޮޅުމަހެއްގެ ތެރޭގައި ލޯންޗްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން "ފަސޭހަ މަދަދު ފޭސް 2" އަދި "އިނޮވޭޓިވް ފައިނޭންސް ސްކީމް" ގެ ނަމުގައި 2 ލޯން ސްކީމެއް ތަޢާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކްރާމްވަނީ، ޕީ.އެސް.އެމްގެ ކުޑައިގެ ދަށުން ރޭޑިއޯ އާއި ޓީވީ ހިމެނެހޭން މިހާރުވެސް 8 ޗެނަލެއް ހިންގަމުންދާކަން ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތަކާއި، ޒުވާނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން ދީނީ ކަންކަމަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ތަފާތު ޗެނަލްތައް އަންނީ ހިންގަމުންނެވެ.

"ޓީ.ވީ.އެމް ކިޑްސް"ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ޓީވީ ޗެނަލެއް ލޯންޗްކުރުމަށް މިހާރު ތައްޔާރުވަމުންދާއިރު، ކުރިއަށް އޮތް ދޮޅުމަހެއްގެ ތެރޭގައި މި ޗެނަލް ލޯންޗްކުރެވިގެންދާނެކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި ޕީ.އެސް.އެމުން ހިންގާ ތަފާތު ޗެނަލްތަކަށް ބޭނުންވާ ޕްރޮޑަކްޓްތައް އުފެއްދުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް އިކްރާމް ވިދާޅުވިއެވެ.

"މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި 8 ޗެނަލެއް އެސް.ޑީކޮށާއި، އެޗް.ޑީކޮށް އެބަ ހިނގަމުންދޭ. އޭގެ ތެރޭގައި ޓީ.ވީ.އެމްގެ އިތުރުން، ޒުވާނުންނަށް ހާއްސަ ޗެނަލެއް އެބަ ހިނގާ. ހަމައެއާއެކީގައި ޙަބަރަށް ޚާއްސަ ޗެނަލެއް އަޅުގަނޑުމެން އެބަހިންގަން. ދީނީ ކަންކަމަށް ޙާއްސަ ޗެނަލެއް އެބަހިންގަން. އަދި މާތް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދޮޅުމަސް ދުވަހުގެ ތެރޭގައި ޓީ.ވީ.އެމް ކިޑްސް އަޅުގަނޑުމެން އުފައްދާނަން. އެއީ ހަމައެކަނި ކުޑަކުދިންނަށް ޙާއްސަ ފިލްމާއި، ޕްރޮޑަކްޝަން ކޮންޓެންޓް ހިމެނޭނެ ޓީވީ ޗެނަލެއް. މިއިން ކޮންމެ ޗެނަލަކަށްވެސް ތިޔަބޭފުޅުން ބޭނުންވާ މީޑިއާ އުފެއްދުންތައް އުފެއްދުމުގެ ފުރުޞަތު އެބައޮތް"

އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ، ރާއްޖޭގެ އެންޓަޓައިންމަންޓް ދާއިރާގައި މަސައްކަތް ކުރާ ދިވެހި އުފެއްދުންތެރިން އުފައްދާ ތަފާތު އުފެއްދުންތަކަށް ހަމަ އަގު ހޯދައިދީ، އެފަރާތްތަކަށް ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ދަޢުލަތުގެ މީޑިއާގެ ހައިސިއްޔަތުން ޕީ.އެސް.އެމުން އަބަދުވެސް ޚާއްސަ އިސްކަމެއްދޭ ކަމެއްކަމަށެވެ. އެގޮތުން ދިވެހި އުފެއްދުންތައް އިންޓަރނޭޝަނަލް ޕްލެޓްފޯމްތަކާއި ހަމައަށް ގެންގޮސްދިނުމަށް ޕީ.އެސް.އެމުން ތައްޔާރަށް އޮތްކަމަށް އިކްރާމް ވިދާޅުވިއެވެ.

"ރާއްޖޭގެ މަންޒަރުތައް ޑޮކިއުމަންޓް ކޮށްގެން، ދިވެހިރާއްޖޭގެ ރީތިކަން ޑޮކިއުމަންޓްކޮށްގެން ބޭރު ޤައުމުތަކަށް ވިއްކުން، ބޭރުގެ މައުރަޒުތަކަށް ގެންދިއުން، ބޭރުގެ ފެއަރތަކަށް ގެންދިއުން، އެމަގު އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ފަހިކޮށްދޭނަން. އޭގެ ނަތީޖާއަކަށްވާނީ ބޭރުގެ ބާޒާރަށް އަޅުގަނޑުމެން ނިކުތުން. ކީއްވެތޯ ދިވެހި ފިލްމުތައް ސަބްޓައިޓަލް ކޮށްފައި ބޭރުގެ ބާޒާރަށް ނުނެރޭންވީ؟ ކީއްވެތޯ ބޭރުގެ މާކެޓާއި ގުޅިގެން ދިވެހި ފިލްމްތައް ނުނެރޭންވީ؟ މިއީ މިހާރު ނުވާންވީކަމެއް ނޫން"

އިކްރާމް ވިދާޅުވިއެވެ.

"ޓީ.ވީ.އެމް ކިޑްސް"ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ޗެނަލެއް ގެނެސްދިނުމަށް ޕީ.އެސް.އެމުން މަސައްކަތް ކުރަމުންދާއިރު، މި ޗެނަލް މެދުވެރިކޮށް ކުޑަކުދިންނަށް ބޭނުންވާ ތަފާތު ޢިލްމީ މަޢުލޫމާތުތަކާއި، ޤައުމީ ބަތަލުންނާއި، އިސްލާމީ ޤައުމުތަކުގެ ބޮޑެތި އިލްމީ ބޭފުޅުންނާއި ގުޅޭ މަޢުލޫމާތުތައް ލިބޭނެފަދަ ރާއްޖޭގެ މުޖުތަމަޢަށް ފެތޭ ކޮންޓެންޓު ގެނެސްދޭނެއެވެ.