ވިޔަފާރި

ޒުވާނުންނަށް 80 މިލިއަނަށްވުރެ އަގުހުރި 2 ލޯނު ސްކީމް ތަޢާރަފުކޮށްފި


ޒުވާނުންނަށް ޚާއްސަކޮށްގެން 80 މިލިއަން ރުފިޔާއަށްވުރެ އަގުހުރި 2 ލޯން ސްކީމް އިކޮނޮމިކް މިނިސްޓްރީން މިއަދު ތަޢާރަފުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ތަޢާރަފުކުރި 2 ލޯން ސްކީމަކީ ފަސޭހަ މަދަދު ފޭސް 2 އަދި އިނޮވޭޓިވް ފައިނޭންސް ސްކީމެވެ. މި 2 ލޯން ސްކީމަކީވެސް އިސްލާމިކް ފައިނޭންސް އުސޫލުން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައި.ޑީ.ބީގެ އެހީއާއެކު ބޭންކް އޮފް މޯލްޑިވްސް އިސްމާލިކް އާއި އިކޮނޮމިކް މިނިސްޓްރީއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށްގެންދާ 2 ޕްރޮގްރާމެކެވެ.

ފަސޭހަ މަދަދު ފޭސް 2 އަކީ ޖުމްލަ 74 މިލިއަން 16 ހާސް ރުފިޔާގެ ފަންޑަކާއެކު ހިންގާ ޕްރޮގްރާމެކެވެ. އަދި އިނޮވޭޓިވް ފައިނޭންސް ސްކީމަކީ 7 މިލިއަން 7 ސަތޭކަ 10 ހާސް ރުފިޔާގެ ފަންޑަކާއެކު ހިންގާ ޕްރޮގްރާމެއްކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި 2 ލޯން ސްކީމް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ އެކަމަށްޓަކާ މިއަދު ޕީ.އެސް.އެމްގެ ޓީވީ ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ.

އިކޮނޮމިކް މިނިސްޓްރީން އަލަށް ތަޢާރަފުކުރި މި 2 ލޯން ސްކީމުގެ ތެރެއިން ފަސޭހަ މަދަދު ފޭސް 2 ތަފާތު 6 ދާއިރާއަކަށް ޚާއްސަ ކޮށްފައިވާއިރު، މީގެ ތެރޭގައި ގަރާޖު އަދި މެކޭނިކަލް ވޯކްޝޮޕްތަކާއި، ކަނޑު އުޅަނދުފަހަރުގެ އިންޖީނު މަރާމާތުކުރުމާއި، ކޮންސްޓްރަކްޝަން ބްލޮކްސް އުފެއްދުން ފަދަ އާއްމުގޮތެއްގައި ލޯނު ނުލިބޭ ދާއިރާތައް ހިމެނެއެވެ.

އަދި އިނޮވޭޓިވް ފައިނޭންސް ސްކީމް ޙާއްސަކޮށްފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ މީޑިއާ ހައުސްތަކަށް ބޭނުންވާ ތަފާތު އުފެއްދުންތަކާއި، އިކުއިޕްމަންޓްސް ހޯދުމަށެވެ. 18 އަހަރުން މަތީ ކޮންމެ ދިވެއްސަކަށްވެސް މި 2 ލޯން ސްކީމަށް ކުރިމަތިލެވޭނެކަމަށާއި، ލޯން ދޫކުރާނީ އެފަރާތަކުން ހުށައަޅާ ޕްރޮޕޯސަލްތައް، އެކަމަށް ޚާއްސަ ކޮމެޓީއަކުން އިވެލުއޭޓް ކުރުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި 2 ސްކީމަށްވެސް ޝަޢުގުވެރިވާ ޒުވާނުންނަށް، މިއަދުން ފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ދޫކުރާނެއެވެ. އަދި މިމަހުގެ 26 އިން ފެށިގެން 30 ގެ ނިޔަލަށް ފޯމްތައް ބަލައިގަންނާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.