ޚަބަރު

ތެލަސީމިއާއާގުޅޭ މަޢުލޫމާތުދިނުމާއި ޓެސްޓްކުރުމަށް ނައިފަރުގައި ހަވީރެއް ބާއްވައިފި


ޅ.ނައިފަރުގައި ތެލަސީމިއާ ދުވަސް ފާހަގަކުރުމަށް، މޯލްޑިވިއަން ބްލަޑް ސަރވިސެސްއާއި، ޅ.އަތޮޅު ހޮސްޕިޓަލް ގުޅިގެން ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރަކީ ތެލަސީމިއާއާއި ގުޅޭ މަޢުލޫތު ފޯރުކޮށްދިނުމާއި، އަދި ކުޑަކުދިންނަށް ތަފާރު ކުޅިވަރުތަކާއިއެކު ކުރިއަށްގެންދިޔަ ހަވީރެކެވެ.

ޢާއްމުކޮށް މާލޭގައި ތެލަސީމިއާ ދުވަސް ފާހަގަކުރިނަމަވެސް، ހެލްތް މިނިސްޓްރީއިން މިއަހަރު ނިންމީ އަތޮޅުތެރޭގެ ރަށެއްގައި މި ދުވަސް ފާހަގަކުރުމަށެވެ. ދުވަހާގުޅިގެން ނައިފަރުގައި ކުރިއަށްގެންދިޔަ ހަވީރު ފަށްޓަވައިދެއްވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
15ސްޓޯލް ހިމަނައިގެން ކުރިއަށްގެންދިޔަ މި ހަވީރުގައި ނައިފަރުގައި ހުންނަވާ ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމްޢިއްޔާތަކުން ބައިވެރިވެފައިވެއެވެ. މިހަވީރުގެތެރެއިން، ތެލަސީމިއާއަކީ ކޮބައިކަން ކިޔައިދިނުމާއި، ތެލަސީމިއާ ކޮންޓްރޯލްކުރާނެ ގޮތްތަކާއި، ތެލަސީމިއާއަށް ޓެސްޓުކުރުން ކުރިއަށްގެންގޮސްފައިވެއެވެ.

މިހަވީރު ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ތެލަސީމިއާއާ ގުޅުންހުރި އެންމެ އެކަށީގެންވާ ފަރުވާ ރާއްޖެއިން ނުލިބުނުނަމަވެސް، މި ޚިދުމަތް ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ލިބޭނެގޮތް މިހާރު ފަހިކޮށްދީފައިވާކަމަށެވެ. އަދި މިނިސްޓަރުވަނީ ހުރިހާ ފަރާތްތަކުންވެސް، ތެލަސީމިއާ ޕޭޝަންޓުންގެ ޙައްޤުގައި އަމިއްލެއަށް އެދިގެން ލޭ ހަދިޔާކުރުން އިތުރުކުރުމަށް ގޮވާލާފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.ބީ.އެސްގެ ޑިރެކްޓަރ ނަޔާޒް އަޙްމަދު ވިދާޅުވީ ކޮންމެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލުންވެސް މިހާރު ލޭއެޅުމުގެ ޚިދުމަތަކާއި، އެކުދިންނަށް ބޭނުންވާ ބޭސް ލިބޭނެކަމަށެވެ. އަދި ގިނަ އަތޮޅުތަކުން ތެލަސީމިއާއާ ގުޅޭ ޓެސްޓްތައްވެސް ހެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަވީރުގެ ތެރެއިން ގިނަބަޔަކުވަނީ ތެލަސީމިއާއަށް ޓެސްޓުކޮށްފައި، އަދި ހަވީރުގެ އެކި ކުޅިވަރުތަކުގައި ރަށުގެ ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެއެވެ. އެމް.ބީ.އެސްއިންވަނީ ޅ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންނަށް ތެލަސީމިއާއާއިގުޅޭ މަޢުލޫމާތުދީ މުޖުތަމަޢު އެކަމަށް ހޭލުންތެރިކުރުމަށް ކުރެވޭނެ ކަންކަމަށް އަހުލުވެރިކުރުމަށް ވޯކްޝޮޕެއްވެސް ބާއްވާފައެވެ.