ސިޔާސީ

ހުޅުމާލޭގައި ރައީސް ޔާމީނަށް އޮތް ތާއީދު ހާމަކުރުމަށް ކެމްޕެއިން ލޯގޯއާ އެއްގޮތަށް އެތުރިލައިފި


ހުޅުމާލޭގައި ތިބި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން، ޔާމީން-ޝަހީމް ކެމްޕެއިން ލޯގޯގެ ބައްޓަމަށް އެތުރިލައިފިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ޕީޕީއެމަށް ތާއީދުކުރާ ފަރާތްތަކުން އިސްނަގައިގެން އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކުރިއަށްގެންދިޔަ ހަރަކާތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ރައީސް ޢަބްދުﷲ ޔާމީނާއި، ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބޭނުންކުރައްވާ ލޯގޯއާ އެއްގޮތަށް ވަނީ އެތުރިލާފައެވެ. މި ހަރަކާތުގައި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ސެންޓްރަލް ޕާރކްގައި ކުރިއަށްގެންދިޔަ މި ހަރަކާތަށްފަހު، ހުޅުމާލޭގެ މަގުތަކުގައި ޕީޕީއެމް ސަޕޯޓަރުން ވަނީ ހިނގާލުމެއް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގައި ބައިވެރިވި މީހުން ރައީސް ޔާމީނަށް ތާއީދުކޮށް ޝުޢޫރު ފާޅުކޮށްފައިވެއެވެ.

މިހަރަކާތް އިންތިޒާމްކުރި ފަރާތުން ބުނީ މިހަރަކާތުގައި ހުޅުމާލޭގައި ދިރިއުޅޭ 1500 އެއްހާ މީހުން ބައިވެރިވެފައިވާކަމަށެވެ. މިފަދަ އިތުރު ހަރަކާތްތައް ހުޅުމާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ހަރަކާތް އިންތިޒާމް ކުރި ފަރާތުން ބުނެއެވެ.

ހުޅުމާލޭގައި ޕީޕީއެމް ސަޕޯޓަރުން ހިންގާލުމެއް ބާއްވާފައިވާއިރު، ރައީސްޔާމީނަށް އޮތް ތާއީދު ހާމަކުރުމުގެ ގޮތުން ހުޅުމާލޭ ގިނަ މަގުތަކެއްގައި ޕީޕީއެމްގެ ދިދަފަތި ދަމައި، ކެމްޕެއިން ޕޯސްޓަރުތައް ދަނީ ހިއްޕަމުންނެވެ.