ޚަބަރު

ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމަންޓްތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރިއަށް: ނާއިބު ރައީސް


ވިޔަފާރިވެރިން ރާއްޖެއިން ބޭރުގައި ކުރާ މުޢާމަލާތްތަކުގައި ދިމާވާ ދަތިތައް ޙައްލު ކުރުމަށް ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމަންޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

މީރާގެ 8 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނާއިބު ރައީސް ޖިހާދު ވިދާޅުވީ ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމަންޓްތައް އެކުލަވާލުމަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ނާއިބު ރައީސް ވިދާޅުވީ ރާއްޖޭގެ ޓެކްސްގެ ނިޒާމަކީ ހަރުދަނާ ނިޒާމަކަށް ހެދުމަށް މީރާއާ ސަރުކާރާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޤާނޫނުތަކާއި ޤަވާއިދުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް ނާއިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"ރާއްޖޭގެ ވިޔަފާރިތަކުން ބޭރު ޤައުމުތަކާއިއެކު ކުރަމުންދާ މުޢާމަލާތްތަކުގައި ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ބޭރު ޤައުމުތަކާއިއެކު ޑަބަލް ޓެކްސް އެވޮއިޑެންސް އެގްރީމަންޓްތައް އެކުލަވާލުމުގެ މަސައްކަތް މިއަހަރުވެސް ސަރުކާރުން ކުރިއަށް ގެންދާ ވާހަކަ ދަންނަވަން،" ނާއިބު ރައީސް ވިދާޅުވިއެވެ.

ނާއިބު ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އާ ހަރުފަތަކަށް ގެންދިއުމަށް މީރާގެ ބައިވެރިވުން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ނާއިބު ރައީސް ވަނީ ކުދި ވިޔަފާރިތަކަށް މީރާއިން ދެމުންދާ ލުއިތައް ފާހަގަކޮށްފައެވެ. ރާއްޖޭގެ އިޤްތިޞާދު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ރާއްޖޭގެ މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންގުޅުއްވާ ހުޅުވައިލެވިފައިވާ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަށް ބިޔަ ބޮޑެތި މަޝްރޫޢުތައް އައިސް، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ބާރުވެގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފަޅުގައި ފާހަގަކުރެއްވިއެވެ.

"މީރާއިން ކުދި ވިޔަފާރިތަކަށް ދެމުންދާ ލުއިތަކަކީ ރާއްޖޭގެ އިޤްތިޞާދުގައި އައު ވިޔަފާރިޔައް ކުރިއަރުވައި ތަރައްޤީ ކުރުމަށް މުހިއްމު ކަމެއް. މިގޮތުން ފާއިތުވެދިޔަ އަހަރު ކުދި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމާއި ހިސާބުތައް ތައްޔާރު ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމާއި އޮޑިޓް ކުރުމުގައި ގިނަ ލުއިތަކެއް މީރާއިން ދީފައިވާކަން ފާހަގަކުރަން. އަދި ގިނަ ޢަދަދެއްގެ ކުދި ވިޔަފާރިތަކެއް ޖޫރިމަނާވެސް މަޢާފު ކޮށްދީފައިވާކަން ފާހަގަކުރަން،" ނާއިބު ރައީސް ވިދާޅުވިއެވެ.

މި ޖަލްސާގައި ނާއިބު ރައީސް ވަނީ ޓެކްސް ނެގުމުގެ މުހިއްމު ޒިންމާ އަދާކުރާ މީރާގެ މުވައްޒަފުންނަކީ، ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުމަށް އިލްތިމާސް ކުރައްވާފައެވެ.