ޚަބަރު

މި ސަރުކާރަށް ރައްޔިތުން ތާއީދު ކުރަނީ، ރައްޔިތުންގެ ބޭނުންތައް ފުއްދަމުންދާތީ- ހެލްތް މިނިސްޓަރ


ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިވަނީ ހަމައެކަނި ޕޯޑިއަމްތަކުގައި ދައްކާ ވާހަކައަކުން ނޫން ކަމަށާ، މި ސަރުކާރަށް ރައްޔިތުން ތާއީދު ކުރަނީ، ރައްޔިތުންގެ ހާލު ބަލައި ރައްޔިތުންގެ ބޭނުންތައް ފުއްދަމުންދާތީކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، އެމަނިކުފާނުގެ އުފަންރަށް ޅ.ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ހަފްލާގައި މިނިސްޓަރ ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމް މިހާ ކާމިޔާބު ސިޔާސީ ޕާޓީއެއްގެގޮތުގައި ކުރިއަށްދަނީ، ޕީޕީއެމްއާއި، ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އޮންނަ ގުޅުމާއި، ޕާޓީއިން ރައްޔިތުންނާއި ބާއްވަމުންދާ ގުޅުމުގެ ސަަބަބުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހަމައެކަނި ޕޯޑިއަމަކަށް އަރާ ދައްކާލާ ވާހަކައަކުން ރައްޔިތުންގެ ތާއީދު ނުލިބޭނެކަމަށާ، ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިވެ ރައްޔިތުންގެ ރުހުން ލިބޭނީ ޝަކުވާތައް އަޑުއަހައި، ރައްޔިތުންގެ ބޭނުންތައް ފުއްދައި ދީގެންކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އަޑު އަހައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަކީ ރައީސް ޔާމީން އަބަދުވެސް އެންމެ އިސްކަމެއް ދެއްވާ ކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕީޕީއެމް އިން ސިޔާސީ ދާއިރާއަށް ނުކުތީ ޤައުމު ބިނާކޮށް ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ކަމަށާ، އެ ޕާޓީއަކީ ރައްޔިތުންގެ ހާލު އެންމެ ގާތުން ބަލަމުންދާ ޕާޓީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހިންނަވަރުގައި ޕީޕީއެމުން ހުޅުވި "މަސް އޮޑި"ޖަގަހަ، ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނަށާއި ސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ އާންމުން ބައިވެރިވެފައިވެއެވެ. ހިންނަވަރުގެ ރައްޔިތުން ވަނީ އެރަށުގެ ތަރައްޤީއަށާއި، މުޅި ރާއްޖޭގެ ތަރައްޤީއަށް ރަޢީސް ޔާމިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ނާޒިމްވަނީ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޚާއްސަ ޖަލްސާއެއްވެސް ބާއްވާފައެވެ. މި ޖަލްސާގައި މިނިސްޓަރ ނާޒިމް ވަނީ ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ދައްކާނެ ރަނގަޅު މެނިފެސްޓޯއެއް ނެތް ތާނގައި، ރައްޔިތުންނާ ދައްކާނެ ވާހަކައެއްވެސް ނެތްކަމަށެވެ. އަދި ތަންތާންގައި ހުޅުޖަހައި، ފަނޑިޔާރުން ވަގަށްނަގައި، ދިފާއީ ބާރުތައް އުވާލުމަށް ގޮވާލާ ބަޔަކަށް ރައްޔިތުން ދެން ފުރުޞަތު ނުދޭނެކަމަށްވެސް މިނިސްޓރަ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޖަލްސާގައި އާންމުން ވަނީ މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ ތަރައްޤީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.