ޚަބަރު

އޭއައިބީޑީގެ އެގްޒެކެޓިވް ބޯޑްގެ ވައިސް ޗެއަރ އަކަށް ޕީއެސްއެމް އިންތިޚާބުކޮށްފި


އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވަލޮޕްމެންޓްގެ އެގްޒެކެޓިވް ބޯޑްގެ ވައިސް ޗެއަރއަކަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް އިންތިޚާބުކޮށްފިއެވެ.

މިއަދު ސްރީލަންކާގައި ކުރިއަށްގެންދިޔަ އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވަލޮޕްމެންޓްގެ 17 ވަނަ އަހަރީ ކޮންފަރެންސްގައި، އޭއައިބީޑީގެ އެގްޒެކެޓިވް ބޯޑްގެ ވައިސް ޗެއަރއަކަށް ރާއްޖޭގެ ފަރާތުން ޕީއެސްއެމް އިންތިޚާބުކޮށްފައިވަނީ، އެ ބޯޑްގެ މެމްބަރުން ހޮވުމަށް އޭއައިބީޑީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. މި ބޯޑްގެ ވައިސް ޗެއަރއަކަށް ޕީ.އެސް.އެމް އިންތިޚާބުކޮށްފައިވާއިރު މި ބޯޑްގައި އިތުރު 9 މެމްބަރު ޤައުމު ހިމެނެއެވެ.

އޭއައިބީޑީގެ އެގްޒެކެޓިވް ބޯޑަށް މެމްބަރުން އިންތިޚާބުކުރަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި ބޯޑްގެ މައިގަނޑު ޒިންމާއަކީ އެ އިންސްޓިޓިއުޓްގެ މާލީ ކަންކަމާއި، އިންސާނީ ވަސީލަތާއި، އިދާރީ ހިންގުމުގެ ކަންކަމުގައި އެހީތެރިވެދިނުމެވެ.

މިމަހުގެ 2 އިން 4 އަށް ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ކުރިއަށްގެންދާ މި ކޮންފަރެންސްގައި އޭއައިބީޑީގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ މި ކޮންފަރެންސްގައި އިންޑިއާގެ ފަރާތުން ބައިވެރިވި މަންދޫބެވެ. އަދި ނައިބުރައީސަކަށް އިންތިޚާބުކޮށްފައިވަނީ ސްރީލަންކާގެ ފަރާތުން ބައިވެރިވި މަންދޫބެވެ.

1977 ވަނަ އަހަރު އުފެއްދި އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވަލޮޕްމެންޓަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ބްރޯޑްކާސްޓަރުން ބައިވެރިވާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ.

ޕަބްލިކް ސަރވިސް މީޑިއާއިން ގެންދަނީ މީޑިއާއާ ގުޅުންހުރި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގައި ރާއްޖެ ތަމްސީލުކުރަމުންނެވެ.