ޚަބަރު

ޒިމްބާބްވޭގެ ރިޔާސީ އިންތިޚާބު އެމަރސަން އަނަންގާގްވާ ކާމިޔާބުކުރައްވައިފި


ވޭތުވެދިޔަ ސާޅީހަކަށް އަހަރު ޒިމްބާބްވޭގައި ވެރިކަންކުރި ރޮބަރޓް މުޤާބާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ޤައުމުގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު، މިހާރު ރިޔާސަތުގައި ހުންނެވި އެމަރސަން އަނަންގާގްވާ ކާމިޔާބުކުރައްވައިފިއެވެ.

ބުދަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އަނަންގާގްވާ ކާމިޔާބުކުރައްވާފައިވަނީ، ދޭއް ޕޮއިންޓް ހަތެއް ހައެއް މިލިއަން މީހުންގެ ވޯޓު ހޯއްދަވައިގެންނެވެ. އިދިކޮޅު ކެނޑިޑޭޓް ނެލްސަން ޗަމީސާއަށް ލިބިވަޑައިގެންފައިވަނީ ދޭއް ޕޮއިންޓް އެކެއް ފަހެއް މިލިއަން ވޯޓެވެ.

ބުދަ ދުވަހުގެ އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން އެއްވެސް މައްސަލައެއް ނެތި ކުރިއަށްދިޔަ ނަމަވެސް، އިންތިޚާބަށް ފަހު އިދިކޮޅު ފަރާތްތަކުން ވަނީ ވެރިރަށް ހަރާރޭގައި ވަރުގަދަ މުޒާހަރާތައްކޮށްފައެވެ. މި މުޒާހަރާތައް ރޫޅާލުމަށް ޒިމްބާބްވޭގެ އަސްކަރިއްޔާއިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި މިކަމުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކުގައި ހަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާތައްކޮށްފައިވަނީ ސަރުކާރުން އިންތިޚާބުގެ ނަތީޖާ ބަދަލުކުރުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށެވެ.ވެރިކަން ކުރާ ޒަނޫ ޕީ.އެފް ޕާޓީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. 1980 ވަނަ އަހަރު ޒިމްބާބްވޭއަށް މިނިވަންކަން ލިބުނު ފަހުން އެގައުމުގައި ވެރިކަން ކުރަމުން އައި މުގާބޭގެ ސަރުކާރު ވައްޓާލާފައިވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގައެވެ.